ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލުގެ ފުރަތަމަ ޚިތާނީ ކޭމްޕު އަންނަ މަހު ބާއްވަނީ


ސްކޫލް ބަންދާއި ދިމާކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ބާއްވާ ފުރަތަމަ ޚިތާނީ ކޭމްޕު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ ބާވީހުން ޖެނުއަރީމަހުގެ ތިން ވަނަ ދުވަހަށެވެ. ޚިތާނީ ޕެކޭޖެއްގެ އަގެއްގެ ގޮތުގައި 5000 ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެ ތެރެއިން 1000 ރުފިޔާ އާސަންދައިން ކަވަރކޮށްދޭނެއެވެ. އަދި އާއްމުންގެ އަތުން ޚަރަދުވާނީ 4000 ރުފިޔާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޚިތާނީ ކޭމްޕާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން، ޓްރީޓޮޕް ހޮސްޕިޓަލުގެ ޖެނެރަލް ސަރޖަން، ޑރ. ޢަބްދުﷲ ޢުބައިދު ވިދާޅުވީ، އެ ހޮސްޕިޓަލުގެ ޚިތާނީ ޕެކޭޖުގެ ތެރެއިން ގިނަ ކަންތައްތަކެއް ހޮސްޕިޓަލުން ފަހިކޮށްދެއްވާނޭކަމަށެވެ.

"ޚިތާނުކުރުމުގެ ކުރިން ޑޮކްޓަރަށް ދައްކަންދާ ފީ، ޓެސްޓުތައް ހެދުމާއި، ހޭނައްތާ ޑޮކްޓަރަށް ދައްކަންދާ ފީ، ހޮސްޕިޓަލުގައި އެޑްމިޓުކުރުމާއި، އޮޕަރޭޝަނަށް ދާ ޚަރަދާއި، އެއަށްފަހު ހޮސްޕިޓަލުގައި ބާއްވައިގެން ދެވޭ ފަރުވާ އަދި ދޫކޮށްލުމަށްފަހު ފޮލޯއަޕް ހެއްދެވުމަށް ބޭނުންވާ ޚަރަދުތައްވެސް އަޅުގަނޑުމެންގެ މި ޚިތާނީ ޕެކޭޖުގެ ތެރޭގައި ހިމަނާފައިވާނެ.. މީގެ އިތުރުން ކުއްޖާ މުނިފޫހިފިލުވައިދީ، ލައިޓްމީލްސް އަދި ސަޕްރައިޒް ކަންތައްތަކެއްވެސް މީގެ ތެރޭގައި ހިމެނިފައިވާނެ.." ޢުބައިދު ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފުރަތަމަ ޚިތާނީ ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ނަންނޯޓު ކުރުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވޭނޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އަމާޒަކީ ޖާގައާއި ވަސީލަތްތައް ހުރި މިންވަރަކުން ވިހާވެސް ގިނަ ފަރާތަކަށް ފުރުޞަތު ފަހިކޮށްދިނުންކަމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 16 ވަރަކަށް ކުދިން ޚިތާނުކުރުމުގެ.. އެހެންވީމަ އުއްމީދަކީ އެހާވަރަށް ކުދިން ލިބޭނެކަމަށް.. މި ޕެކޭޖުގެ ދަށުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ޚިތާނުކުރުން ކުރިއަށްދާނެ.." ޢުބައިދު ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މި ޚިތާނީ ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކޮށް، ނަންނޯޓު ކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށެވެ.