ޚަބަރު

ފަތުރުވެރިކަމުގެ އެއްވެސް މަޝްރޫޢެއް ނުހުއްޓި ކުރިއަށްދޭ - މިނިސްޓަރ މޫސާ ޒަމީރު


ރައްޖޭގެ ސިޔާސީ މަސްރަޙުގައި މިވަގުތު ކޮންމެ ހާލަތެއް އޮތްނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރާ އެއަރޕޯޓްތަކާއި، ފަތުރުވެރިކަމުގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި އެއަރޕޯޓްތަކުގެ މަޝްރޫޢުތައް މިދަނޑިވަޅުގައި ހުއްޓިއްޖެނަމަ އެ މަޝްރޫޢުތައް ކުރިއަށް ގެންދާ ކުންފުނިތަކަށާއި، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންވާނެކަމަށް ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓަރ ޒަމީރު ވިދާޅުވީ، ސިޔާސީ މަސްރަޙް މިހާރު އޮތްގޮތުން ޕްރައިވެޓް ސެކްޓައިން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް ކުރިއަށްދާންވީ ސްޕީޑްގައި ކުރިއަށް ނުދިޔަނަމަވެސް އެއްވެސް މަޝްރޫޢެއް ނުހުއްޓި ކުރިއަށްދާކަމަށެވެ.

ޓްރާންސިޝަން މަރުހަލާގައި އެއްވެސް އައުމަޝްރޫޢެއް ކުރިއަށް ނުގެދިއުމަށް ލަފާދީފައި ވީނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓް ކުރުމުގެ ގިނަ މަސައްކަތްތައް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ޕްރޮމޯޝަންތައް ހުއްޓާލައިފިނަ އަންނަ އަހަރު މިދާއިރާއިން ބޮޑެތި ގެއްލުންތަކެއް ވާނެކަން ފަހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުބެރިންގެ ޢަދަދު އިތުރުވަމުންދާކަމަށާއި، ކުރިންވެސް އަންދަޒާ ކުރި މިންވަރަށް ފަތުރުވެރިން އަންނަނާނެކަމަށް ލަފާކުރެވޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިމިފައިވާ އަދި ކުރިއަށްދާ އެއަރޕޯޓްތަކުގެ ޢަދަދު ބާރައަށް އަރާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.