 
										
			ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ށ. އަތޮޅުގެ 5 ރަށަކަށް ބޭނުންވާ ޖަނަރޭޓަރުތައް ފެނަކަ ކޯރޕަރޭޝަނުން ފޮނުވައިފިއެވެ. 
ފެނަކަ ކޯރޕަރޭޝަނުން ޖަނަރޭޓަރުތައް ފޮނުވާފައިވަނީ ށ. އަތޮޅުގެ 5 ރަށަކީ، ށ. މަރޮށި، ށ. ބިލެއްފަހި، ށ. ނަރުދޫ، ށ. ފޭދޫ އަދި ށ. ގޮއިދޫއެވެ. މީގެ ތެރެއިން ށ. މަރޮއްޓަށް ފޮނުވާފައިވަނީ 160 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 63 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ށ. ބިލެއްފަށްސަށް 64 ކިލޯވޮޓުގެ ޖަނަރޭޓަރެއް ފޮނުވާފައިވާއިރު، ނަރުދޫއަށް ފޮނުވީ 128 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. ފޭދޫއަށް 280 ކިލޯވޮޓުގެ ޖަނަރޭޓަރެއް ފޮނުވާފައިވާއިރު، ގޮއިދޫއަށް 80 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. 
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީގެ އެހީއާއެކު ސަރުކާރުން ކުރިއަށްގެންދާ "ޕްރިޕެއަރިން އައުޓަރ އައިލެންޑްސް ފޯރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް"، ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ފޮނުވާފައިވާ ޖަނަރޭޓަރުތަކެއްކަމަށް ފެނަކަ ކޯރޕަރޭޝަނުން މަޢުލޫމާތުދެއެވެ. 
މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ތިމާވެއްޓާއި ރަށްޓެހިގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ޕްރޮމޯޓުކުރުމުގެ މަޤުޞަދުގައި 2015 ވަނަ އަހަރު ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓެކެވެ. 
މި ޕްރޮޖެކްޓުގެ ދަށުން، ރަށްރަށުގައި އެނަރޖީ މެނޭޖްމަންޓް އެންޑް ކޮންޓްރޯލިން ސިސްޓަމްތައް އިންސްޓޯލްކުރުމާއި، އެނަރޖީ ސްޓޯރޭޖް އިތުރުކޮށް، ޑިސްޓްރިބިއުޝަން ނެޓްވޯކްތައް ވަރުގަދަ ކުރުންފަދަ ކަންކަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. 
މި 5 ރަށުގެ އިތުރުން، ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް މިދިޔަ މަހުގެ ތެރޭގައިވެސް ށ. އަތޮޅުގެ 5 ރަށަކަށް ފެނަކަ ކޯރޕަރޭޝަނުން ޖަނަރޭޓަރުތައް ފޮނުވާފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. 
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން، ކަރަންޓަށް ކުރާ ހޭދަކުޑަކޮށް، ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.