ޚަބަރު

ގޯ އެއަރގެ ދަތުރުތަކާއެކު ރާއްޖޭގެ އޭވިއޭޝަނާއި ފަތުރުވެރިކަން ކުރިއެރި މިންވަރު ހާމަކޮށްދޭ - އިބްރާހިމް ފައިސަލް


އިންޑިއާގެ ލޯކަލް އެއަރލައިނަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ އޭވިއޭޝަން ދާއިރާ ކުރިއަރާފައިވާ މިންވަރު ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އަލަށް ދަތުރުތައްފެށި އިންޑިއާގެ ލޯކަލް އެއަރލައިން "ގޯ އެއަރ"ގެ ޖެނެރަލް ސޭލްސް އެޖެންޓަކަށް މަޝްހޫރު ޓްރެވަލް ކޮމްޕެނީ ވޮޔޭޖަރސް މޯލްޑިވްސް ހަމަޖެއްސުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއަރމަން އިބްރާހިމް ފައިސަލް ވިދާޅުވީ އޭވިއޭޝަނަކީ ހުރިހާ ސަރުކާރަކުންވެސް ވަރަށް އިސްކަމެއްދީގެން ތަރައްޤީ ކުރަމުން އަންނަ ދާއިރާއެއް ކަމަށާ، އެއާއެކު ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރައިގެންދަނީ ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތަކާވެސް އެކުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ކުރިއެރުންތަކެއް ލިބެމުން އަންނައިރު އައު އެއަރލައިން ތަކުގެ ދަތުރުތައް ރާއްޖެއަށް ފެށިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ގޯ އެއަރގެ ޖެނެރަލް ސޭލްސް އެޖެންޓަކަށް ހަމަޖެއްސި ވޮއޭޖާސް މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

"އިންޑިއާގެ ލޯކަލް އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއާ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާ ވަރު ރަމްޒުކޮށްދޭ ކަމެއް." އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޮޔޭޖަރސް މޯލްޑިވްސްގެ ސީއީއޯ އައިމިނަތު ޞަމާޙް ވިދާޅުވީ ގޯ އެއަރގެ ޕާޓްނަރެއްގެ ގޮތުގައި އެކުންފުނި ހަމަޖެއްސުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް ގިނައިން ރާއްޖެއަށް ދަތުރުކުރާ ބަޔަކަށްވެފައި އޭގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ފަރާތްތަކުން ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ރާއްޖެ އިޚްތިޔާރު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާފައިވާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

"މަޝްހޫރު ފަރާތްތަކުން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ ޚިޔާރު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާކަން ދޭހަކޮށްދޭ ކަމެއް." އައިމިނަތު ޞަމާޙް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އިންޑިއާގެ ގޯ އެއަރލައިންގެ ދަތުރުތައް ފެށުމާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މުސްތަޤްބަލު އޮތް ޤައުމެއް ކަމަށާ، ރާއްޖެއަކީ ބައިނަލް އަޤުވާމީ ގޮތުން މަޝްހޫރު ފަރާތްތަކުގެ މަޤްބޫލު މަންޒިލެއް ކަމަށެވެ. އަދި ރާއްޖޭގެ ހައިޞިއްޔަތަކީ ރީތިކަން އެކަނި ނޫން ކަމަށާ، ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ކުރިއެރުންތަކެއް ލިބިގެންދަނީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ މެހެމާންދާރީއާ ހިތް ހެޔޮ ކަމުގެ ސަބަބުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ ޙައިޞިއްޔަތަކީ ހަމައެކަނި ރީތިކަން އެކަންޏެއް ނޫން. އާބާދީ ކުޑަވިޔަސް ފަތުރުވެރިކަމުގެ ދާއިރާއިން މޮޅެތި ވަނަތައް ހޯދާފައިވޭ. މެހެމާންދާރީއާ ހިތް ހެޔޮ ކަމަކީ މިސާލެއް." އަކިލޭޝް މިޝްރާ ވިދާޅުވިއެވެ.

ގޯ އެއަރގެ ލޯކަލް އެޖެންޓް ވޮޔޭޖާރސްއިން ބުނީ ގޯ އެއަރއިން ރާއްޖެއަށް ދުވާލަކު ދަތުރެއް ކުރާނެކަމަށެވެ. އަދި ނޮވެމްބަރުމަހު ބެންގަލޫރުން މާލެއަށް ދަތުރުފަށާއިރު، ހަފުތާއަކު 10 ދަތުރު އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ. 2005 ވަނަ އަހަރުފެށި ގޯ އެއަރއިން މިއަހަރު ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފަށާފައިވާއިރު، ރާއްޖެއަކީ ގޯ އެއަރއިން ދަތުރުތައް ފެށި ދެވަނަ ޤައުމެވެ.