ޚަބަރު

އެމެރިކާއިން ބޭނުންވަނީ އީރާނުގެ ވެރިކަން ވައްޓާލަން - ރޫޙާނީ


އެމެރިކާގެ ސަރުކާރުން ބޭނުންވަނީ އީރާނުގެ ވެރިކަން ވައްޓާލާ އެގައުމުގައި އާ ސަރުކާރެއް ޤާއިމުކުރުމަށް ކަމަށް އީރާނުގެ ރައީސް ހަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

ޤައުމާ މުޙާތަބްކުރައްވާ، ޓީވީން ދެއްވި ޙިތާބެއްގައި އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާއިން ދަނީ ފިކުރީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅައި، އެ ޤައުމުގެ ސަރުކާރުގެ ޤާނޫނީ ބާރުކަނޑުވާލުމަށް މަސައްކަތްކުރަމުން ކަމަށެވެ. އީރާނުގެ މިހާރުގެ ސަރުކާރުގެ ޤާނޫނީ ސައްޙަކަން ކަނޑުވާލުމަކީ އެމެރިކާގެ މައިގަނޑު މަޤުޞަދުކަމަށް ރޫޙާނީ ވިދާޅުވިއެވެ.

އަދި މިހާރު އެމެރިކާގެ ވެރިކަމުގައި އޮތް ސަރުކާރަކީ ވޭތުވެދިޔަ ސާދަ އަހަރުގެ ތެރޭގައި އެ ޤައުމުގައި ވެރިކަން ކުރި ސަރުކާރުތަކުގެ ތެރެއިން އީރާނާ އެންމެ ދެކޮޅު ސަރުކާރުކަމަށް ރޫޙާނީ ވިދާޅުވިއެވެ. ރޫހާނީގެ ބަސްތަކަށް ރައްދުދެއްވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ އީރާނުން ގެންގުޅޭ ސިޔާސަތުތަކާއި އެ ޤައުމުގެ އުޅުން ބަދަލުކުރުމަށް ކަމަށާއި އީރާނުގެ ސަރުކާރު ބަދަލުކުރުމަށް އެމެރިކާއިން ބޭނުންނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ އީރާނާއެކު މަޝްވަރާ ކުރައްވަން ތައްޔާރަށް ކަމަށާއި އެމެރިކާއިން އުއްމީދުކުރަނީ އީރާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް ހެޔޮ ބަދަލުތައް ގެނައުމަށް ކަމަށެވެ.