ޚަބަރު

ދަރުމަވަންތަ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އަޙްމަދު މާހީ ނިޒާމު


ދަރުމަވަންތަ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު އަޙްމަދު މާހީ ނިޒާމު ހޯދައިފިއެވެ.

ދަރުމަވަންތަ ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އަޙްމަދު މާހީ ނިޒާމު ހޯދައިފިއެވެ. ސްކޫލްގެ ކެޕްޓަންކަންވެސް ކޮށްފައިވާ މާހީ ވަނީ މެރިން ސައިންސް މާއްދާއިން މުޅި ދުނިޔެއިން 4 ވަނަ ހާސިލްކޮށްފައެވެ. ދަރުމަވަންތަ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ދެވަނަ ހޯދާފައިވަނީ މާއީޝް މުޙައްމަދު އަޙްމަދެވެ. އަދި ތިންވަނަ ހޯދާފައިވަނީ މުޙައްމަދު ސާޖީ ސަލާމެވެ.

ދަރުމަވަންތަ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެކި މާއްދާތަކުންނާއި ސްކޫލްގެ އިތުރު ޙަރަކަތްތަކުން ވަނަވަނައަށް ދިޔަ ފަންސާސް ދަރިވަރަކަށް އިނާމުދިނެވެ. މިދިޔަ އަހަރު ނުވަސަތޭކަ ތިރީސް ނުވަ ކުދިން ތަޢުލީމު ދަރުމަވަންތަ ސްކޫލުން ތަޢުލީމު ޙާސިލުކޮށްފައިވާއިރު، މިދިޔަ އަހަރު އެސްކޫލްގެ 5 މާއްދާއިން ތިރީސް ހަތެއް އިންސައްތަ ފާސްވިއެވެ.

ޖީސީއީ އޯލެވެލް އަދި އެސްއެސްއީ އިމްތިހާނުގައި މިދިޔަ އަހަރު އެސްކޫލްގެ ހަތްދިހަ އަށް ދަރިވަރަކުވަނީ ބައިވެރިވެފައެވެ. ދަރުމަވަންތަ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ތަޢުލީމީ ޙަޔާތް ނިންމާ ދަރިންނަކީ ޤައުމުގެ ކުރިމަގާމެދު އުއްމީދު ކުރާ ކުދިބަޔަކަށްވުމަށް އިލްތިމާސްކުރައްވާފައެވެ.

ދަރުމަވަންތަ ސްކޫލްގެ ޢަމާޒަކީ ތަޢުލީމީ ގޮތުން އަހަރަކަށް ފަހު އަހަރެއް އެސްކޫލުގައި ތަޢުލީމު ޙާސިލުކުރާ ދަރިވަރުން ހޯދަ ކާމިޔާބީގެ ނިޞްބަތް އިތުރުކުރުންކަމަށް އެސްކޫލުން ބުނެއެވެ.