ޚަބަރު

ކޮރެއާގެ "އައި.ޕީ ޝެއަރިންގ ޕްރޮޖެކްޓް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ކޮރެއާގެ "އައި.ޕީ ޝެއަރިންގ ޕްރޮޖެކްޓް 2020" ގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ހުޅުވާލައިފިއެވެ.

ކޮރެއާގެ އިންވެންޝަން ޕޮރޮމޯޝަން އެސޯސިއޭޝަނާއި އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީހާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޤައުމުތަކަށް އެވަގުތަކު ބޭނުންޖެހިފައިވާ ޓެކްނޮލޮޖީއެއް ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އުފައްދާ އުފެއްދުންތަކުގެ ބްރޭންޑް ސްޓްރެޓެޖީ ހެދުމަށާއި، މާކެޓް ކުރުމުގެ މަސައްކަތް ދަސްކޮށްދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓުން ބުނީ މި މަޝްރޫޢޫގެ ސަބަބުން ދިވެހިރާއްޖޭގައި އުފައްދާ ތަކެތި ތައްޔާރުކުރުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބި، އެއުފެއްދުންތައް ތައްޔާރުކުރުމަށް ކުރާ ޢަމަލީ މަސައްކަތް މަދުކުރެވޭނެފަދަ ޓެކްނޮލޮޖީއެއް އުފެއްދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އާ ޓެކްނޮލޮޖީއެއް ތަރައްޤީކުރުމުގައި ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހުށަހަޅާ ޓެކްނޮލޮޖީގެ ސަބަބުން ބޮޑު އިންވެސްޓްމެންޓެއް ނުކޮށް ފަރުޖެއްސޭގޮތްވުމާއި، ހަކަތަ ބޭނުންކުރާވަރު މަދުކުރެވޭނެ ފަދަ ޓެކްނޮލޮޖީއެއް ބިނާކުރުން ހިމެނެއެވެ.

ކޮރެއާގެ "އައި.ޕީ ޝެއަރިންގ ޕްރޮޖެކްޓް 2020" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށްވަނީ ފުރުޞަތު ހުޅުވާލާފައެވެ. ކޯޕަރޭޓިވް ސޮސައިޓީތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.