ޚަބަރު

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސައިންސް އެގްޒިބިޝަނެއް ކުރިއަށްގެންގޮސްފި


ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ސައިންސް އެގްޒިބިޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިއްޔެ ކުރިއަށްދިޔަ ސައިންސް އެގްޒިބިޝަން ކުރިއަށް ގެންގޮސްފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެނެވެ. މިގޮތުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް އަށަކާ ހަމަޔަށް އެގާރަ ސަތޭކައަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދާ ސްކޫލްގެ 543 ދަރިވަރުން މި އެގްޒިބިޝަންގައި ބައިވެރިވިއެވެ.

މި އެގްޒިބިޝަން ކުރިއަށް ގެންގޮސްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ ރީސައިކަލް ބަޔާ ޕްރޮޖެކްޓް ނުވަތަ މޮޑެލްތަކުގެބައެވެ. އެގޮތުން ގްރޭޑް އެކަކުން ހަތަރަކާ ހަމަޔަށް ދަރިވަރުން ނަށް ހާއްޞަކުރެވިފައިވަނީ ރީސައިކަލް ބައެވެ. އަދި ގްރޭޑް ފަހަކުން އަށަކަށް ހާއްޞަކޮށްފައިވަނީ ޕްރޮޖެކްޓް ނުވަތަ މޮޑެލް ހެދުމުގެ ބައެވެ.

ރީސައިކަލް ބައިން 80 އަށް ވުރެ ގިނަ އައިޓަމް ބައިވެރިކޮށްފައިވާއިރު ޕްރޮޖެކްޓްތަކުގެ ބައިން 59 ޕްރޮޖެކްޓެއް އެގްޒިބިޝަންގައި ބައިވެރިކޮށްފައިވެއެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުން ހާމަކުރައްވާ ގޮތުގައި ސައިންސް އެގްޒިބިޝަން ބޭއްވުމުގެ މަޤްޞަދަކީ ސައިންސް މާއްދާއަށް ދަރިވަރުން އިތުރަށް ޝައުގުވެރިކޮށް، ސައިންސް މާއްދާއިން ދަސްވާ ކަންކަމުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުންކަމަށެވެ. އަދި މިފަދަ އެގްޒިބިޝަނެއްގެ ސަބަބުން ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވެ، ސައިންސް މާއްދާއާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމެއްކަމަށް ހދ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ.

މިސައިންސް އެގްޒިބިޝަން ގައި ކޮންމެ ގްރޭޑަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން، މުޅި އެގްޒިބިޝަންގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ވަނީ ހޮވާފައެވެ. ހޮނިހިރު ދުވަހު ހަވީރު ކުރިއަށްދިޔަ އެގްޒިބިޝަން ބަލާލުމަށް ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިނާއި، ކުޅުދުއްފުށީގެ ރައްޔިތުން ޒިޔާރަތްކުރިއެވެ.