ޚަބަރު

މެރިޓައިމް އެކަޑަމީން ހުޅުމާލޭގައި ނިޔަމި ކޯސް ލެވެލް ދޭއް ފަށަނީ


މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ނިޔަމި ކޯސް ލެވެލް ދޭއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިމަހުގެ 20 އިން 25ހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލަފައެވެ. މީގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހާއި އަންނަމަހުގެ 17 ވަނަ ދުވަހު މާލޭގައިވެސް މި ކޯސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފަިއވާކަމަށް މެރިޓައިމް އެކަޑަމީން ބުނެއެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ކޯހުގައި މައިގަނޑުގޮތެއްގައި 4 މާއްދާ ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެއް ބަނދަރުން އަނެއްބަނަދަރަށް ދިޔުމަށްޓަކައި ޗާޓްކުރަހާނެގޮތް ނުވަތަ ނެވިގޭޝަންއާ ގުޅޭބައިތަކާއި ޙާދިސާއަކުން ފަސިންޖަރުންނާއި ދޯނިފަހަރާއި މުދާ ސަލާމަތްކުރާނެގޮތްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއިން ބުނެއެވެ. އަދި އުޅަނދުފަހަރުގައި ބޭނުންކުރާ މުއާސަލާތީ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، ތިމާވެށި ހިމާޔަތްކުރުމުގައި ކަނޑު އުޅަނދުތަކުގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތުވެސް ދިނުމަށް ހަމަޖެހިފައިވާކަމަށް މެރިޓައިމް އެއެކަޑަމީން ބުނެއެވެ.

މި ކޯހާ ގުޅޭގޮތުން ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ އެ އެކަޑަމީން ކުރިއަށްގެންދާ މި ކޯސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ރޭގަނޑުކަމަށެވެ. އަދި ކޯހުގައި 5 ގަޑިއިރަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، މުޅި ކޯހުގައި 30 ގަޑިއިރު ހަމަކުރުންޖެހޭކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނިޔަމި ކޯސް ކުރިއަށް ގެންދިޔުމަށް 3 ފަރާތަކަށް ވަނީ ހުއްދަ ދީފައެވެ. އެއީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި އެކަޑަމީ އޮފް މެރިޓައިމް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެވެ.