ޚަބަރު

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަޢުލޫމާތު ދީފި


ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ހަރަކާތެއް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އަރކުން ކުރިއަށް ގެންގޮސްފިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އަރކުން ފަށާފައިވާ "ސޭފްޓީ ސްޓެޕްސް ކެމްޕެއިން"ގެ ދަށުން ކުރިއަށްގެންދިޔަ މި ޙަރަކާތަކީ، ކުއްލި ޚާލަތްތަކުގައި އަމިއްލައަށް ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެ ކުދިންނަށް މަޢުލޫމާތުދީ، އެފަދަ ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރުކުރުންކަމަށް އެ ޖަމްޢިއްޔާއިން ބުނެެއެވެ.

ކާރިސާތަކުން ރައްކާތެރިވުމުގެ ދުވަސް ފާހަގަކުރުމަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި، މި މަޢުލޫމާތުތައް އެކުދިންނަށް ދީފައިވަނީ އެކި ގޭމްތަކާއި އެކި ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ގުދުރަތީ ކާރިސާތަކުންނާއި، އަލިފާނުގެ ޙާދިސާތަކާއި، އެކްސިޑެންޓްތަކުން ރައްކާތެރިވާނެގޮތާއި، ކުދިން ދިރިއުޅޭ މާޙައުލުގައި ރައްކާތެރިކަމާއެކު އުޅޭވޭނެގޮތްތައް ކިޔައިދީ އެކަމާގުޅޭ މަޢުލޫމާތުވަނީ ދީފައެވެ.

މި ހަރަކާތަކީ އަރކާއި، މޯލްޑިވްސް ލައިފްގަރޑް އެސޯސިއޭޝަނާއި ، މޯލްޑިވްސް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އަރކަކީ ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލައި ޙައްލުކުރުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އަރކުން ފަށާފައިވާ ސްޓެޕް ކެމްޕެއިންއަކީ ކުޑަކުދިނަށް ގޭތެރޭގައި ދިމާވާ އެކި ކަންކަމުން ރައްކާތެެރިވާނެ ގޮތްތަކާއި، އެއްތަނުން އަނެއްތަނަށް ދިއުމުގައި ދިމާވެދާނެ ކަންކަމާއި، ނުރައްކާތެރި ޙާލަތްތަކުގައި ރައްކާތެރިވާނެ ގޮތްތައް ކިޔައިދީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިނެކެވެ.