ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެތެރެއަށް ތަދައްޚުލް ވުމަށް އިދިކޮޅު ކޯލިޝަނުގެ ހަތަރު ލީޑަރުންގެ ފަރާތުން ކޯޓަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާއި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ފަރާތުން މި މައްސަލައަށް ތަދައްޚުލްވާން ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެފަރާތްތަކަށް އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައާގުޅިގެން އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ. އަދި އާދިއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި މި މައްސަލައިގެ ޝަރީއަތް ފެށުމަށް ވަނީ ތާވަލްކޮށްފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބާގުޅޭ ދުސްތޫރީ މައްސަލައެއް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު ޕީޕީއެމުން ބުނެފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ފުލުހުންނަށް ހުށަހެޅުމަށްފަހު އެ މުއައްސަސާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ޕީޕީއެމުން ބުނެފައިވަނީ ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓު ލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ޙީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ވޯޓްލާ ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކޮށް ރީ-ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އެކިއޮފިޝަލުންގެ ޢަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ ގިނަ ހިމެނޭ ކަމަށެވެ.