ޚަބަރު

މާފަރު އެއަރޕޯޓުގައި އިންޓަނޭޝަނަލް ޓެސްޓް ފްލައިޓް ޖައްސައިފި


ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފެށުމުގެ ގޮތުން، ނ.މާފަރު އެއާޕޯޓަށް އެމިރޭޓްސްގެ ޓެސްޓް ފްލައިޓެއް ޖައްސައިފިއެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނީ ނ.މާފަރު އެއާޕޯޓަކީ ބޮޑެތި ބޯޓު ފަހަރުވެސް ޖެއްސޭވަރުގެ ތަނަކަށް ހެދުމުގެ ގޮތުން އެމިރޭޓްސްގެ ޓެސްޓް ފްލައިޓެއް ޖެއްސުމަށްފަހު އެތަން ޓެސްޓް ކޮށްފައިވާކަމަށެވެ.

މާފަރު އެއާރޕޯޓުގައި މިހާރު ކުރިއަށް ދަނީ ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް ކަމަށާއި އެ މަސައްކަތްވެސް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ.

އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ތަރައްޤީ ކުރަމުން އަންނަ މާފަރު އެއާޕޯޓް އެއްކޮށް ނުނިމުނު ނަމަވެސް އެތަން ވަނީ ހުޅުވާފައެވެ. މާފަރު އެއާޕޯޓަކީ އެއާބަސް އޭ- 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ވަރަށް ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓެކެވެ.

ދިގުމިނުގައި 2200 (ދެހާސް ދުއިސައްތަ) މީޓަރު ހުންނަ މާފަރު އެއާޕޯޓްގެ ފުޅާމިނުގައި 40 މީޓަރު ހުރެއެވެ.

މާފަރު އެއާޕޯޓް ތަރައްޤީ ކުރަނީ ނ. އަތޮޅުގައި އޮންނަ ރަންދެލި ރިސޯޓުގެ ވެރިފަރާތް ކަމުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މަޝްހޫރު ވިޔަފާރި ވެރިއެކެވެ.