ޚަބަރު

ސެޕްޓެމްބަރު މަހުގެ އިންޕޯޓް، އެކްސްޕޯޓް އިތުރުވެއްޖެ


ފާއިތުވި ސެޕްޓެމްބަރު މަހު އިންޕޯޓް، އެކްސްޕޯޓް އަދި އިންޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ޖުމްލަ އަގު 2017ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު %28ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 2.94 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު މިޢަދަދު ވަނީ 3.78 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން %18 ޗައިނާއިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން %15 އަދި ސިންގަޕޫރުން %11 މުދާ ވަނީ އެތެރެކޮށްފައެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް ދުއިސައްތަ ފަސްދޮޅަސް ހަތަރެއް ޕޮއިންޓު ހަތެއް އަށެއް 264.78 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލިބިފައިވަނީ ދުއިސައްތަ ނަވާރަ ޕޮއިންޓު އަށެއް ފަހެއް 219.85 މިލިއަން ރުފިޔާ އެވެ. މިއީ %20 އިތުރުވުމެކެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 156.61 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 350.46 މިލިއަން ރުފިޔާއެވެ. މިއީ %124ގެ އިތުރުވުމެކެވެ.

ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ސެޕްޓެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ %23.5 ޖަރުމަނު ވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް %11.9 ތައިލެންޑަށް %11.8 އަދި ފަރަންސޭސި ވިލާތަށް %11.4 އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ.