ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ޕާރކުގައި ސިއްޙީ މަޢުލޫމާތުދިނުމުގެ ޙަރަކާތެއް ބާއްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން އައްޑޫ ސިޓީ ހިތަދޫ ޕާރކުގައި ސިއްޙީ މަޢުލޫމާތު ދިނުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.

ތަފާތު އެކި ބަލިތަކަށް އައްޑޫ ސިޓީ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް ނާރސިންގް އިން ބޭއްވި މިޙަރަކާތުގައި ސްޓޯލްތައް މެދުވެރިކޮށް ވަރަށް މުހިންމު މައުލޫމާތުތަކެއް ޢާންމުންނަށް ފޯރުކޮށްދިނެވެ. އެގޮތުން ޑެންގީ ހުމާއި، ހަކުރު ބައްޔާއި، އުރަމަތީ ކެންސަރު ފަދަ ބަލިތަކާމެދު މަޢުލޫމާތުދިނެވެ. މީގެ އިތުރުން، ހަކުރުބައްޔަށް ޓެސްޓު ކޮށްދީ، ލޭގެ ޕްރެޝަރު ޗެކް ކުރުންވެސް މި ޙަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔައެވެ. އަދި ކުޑަކުދިން ޝައުޤުވެރި ވާނެ ކުޅިވަރު ޙަރަކާތްތައް މެދުވެރިކޮށްވެސް ސިއްޙީ މަޢުލޫމާތުދިނެވެ.

މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިޔަށްގެންދިޔަ މި ޙަރަކާތަކީ އެމްއެންޔޫ ގެ ބެޗެލަރސް އޮފް ނާރސިންގް ގެ ކޮމިއުނިޓީ ހެލްތް، މި މާއްދާގެ ދަށުން ބޭއްވުނު ޙަރަކާތެކެވެ. މި ޙަރަކާތުގައި މަޢުލޫމާތު ދިނީ ފެކަލްޓީ އޮފް ނާރސިންގް ގެ ބެޗެލަރސް ދަރިވަރުންނެވެ.