ޚަބަރު

"އެން-ވަން" ސްކޫލަށް ޓީޗަރުން ހޯދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށަނީ


ހުޅުމާލޭ ނެއިބަރހޫޑް އެކެއްގައި އިމާރާތްކުރާ "އެން-ވަން" ސްކޫލަށް ޓީޗަރުން ހޯދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"އެން-ވަން" ސްކޫލްގައި އަންނަ އަންނަ ދިރާސީ އަހަރު، ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެޑިއުކެޝަން މިނިސްޓްރީން ވަނީ މި ސްކޫލްއަށް ބޭނުންވާ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސްޕަލްގެ އިތުރުން އެޑްމިނިސްޓްރޭޝަން އޮފިސަރުން ހޯދުމުގެ މަސައްކަތްވެސް ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ މިނިސްޓްރީގެ ޕްލޭންގައިވާގޮތުގެ މަތިން މި މަހުގެ ތެރޭގައި ސްކޫލަށް ބޭނުންވާ ޓީޗަރުން ހޯދުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ ޕްރިންސިޕަލް ހަމަޖެއްސުމަށްފަހު ޓީޗަރުންނާ އިންޓަރވިއުކޮށް ވަޒީފާއަށް ނެގުމުގެ މަސައްކަތްތައްވެސް ފަށާނެކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި ސްކޫލަށް ހޯދަންޖެހޭ ފަރުނީޗަރތައް ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާކަމަށާއި، ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ނިމެންވާއިރަށް މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ކުރަމުންދާކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރަމުންދާ ހުޅުމާލޭ "އެން-ވަން" ސްކޫލުގެ ދެދަންފަޅީގައި 1200 އާއި 2000 ގާތްކުރާ އާދަދެއްގެ ދަރިވަރުންނަށް ކިޔަވައިދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ސްކޫލަކީ 7 ބުރީގެ 3 ބްލޮކާއެކު ތަރައްޤީކުރާ ސްކޫލެކެވެ. މި ސްކޫލުގައި ޕްރައިމަރީ އާއި ސެކަންޑަރީ ގްރޭޑްތަކަށް ޚާއްޞަކޮށްގެން 50 ކްލާސްރޫމް ހުންނާނެއެވެ.