ޚަބަރު

"ގަރލްސް ލީޑް އިނީޝިއޭޓިވް" ޕްރޮގުރާމް ނިންމާލައިފި


ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ބޭއްވި "ގަރލްސް ލީޑް އިނީޝިއޭޓިވް" ޕްރޮގްރާމް ނިންމާލައިފިއެވެ.

މިއީ އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށް ވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ޙަރަކާތްތެރިވާ ކަނބަލުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ކުދިންނަށް ދިނުމުގެ އިތުރުން، މަޢުލޫމާތު ދިނުމުގެ ގިނަ ސެޝަންތަކެއް ހިންގާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މި މަހުގެ 5އިން 11އަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ އަންހެން ކުދިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އުންމީދުތަކަށް ވާސިލުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، އެކި ދާއިރާތަކުގައި ނިންމުން ނިންމާ ފެންވަރުގެ ވަޒީފާތަކާ ހަމަޔަށް ދިޔުމަށް ހިތްވަރު ދިނުންކަމަށެވެ.

ސްކޫލްތަކާއި ކޮލެޖްތަކުގައި ތަޢުލީމު ހާސިލުކުރަމުންގެންދާ 16 އަހަރާއި 18 އަހަރާ ދެމެދުގެ 23 ކުދިން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީއޮފް ޖެންޑަރ އެންޑް ފެމެލީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ވޭތުވެދިޔަ 2 އަހަރު ވެސް ގަރލްސް ލީޑް އިނީޝިއޭޓިވްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމްތަކެއް މިނިސްޓްރީން ވަނީ ހިންގާފައެވެ.