ޚަބަރު

ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މީގެކުރިން އަންނަ އާދީއްތަ ދުވަހަށް ހުޅުވާލައިފައި އޮތް ނަމަވެސް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 24ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަ ކޮށްފައިވާ ފޯމް ފުރިހަމަކޮށް މިމަހުގެ 24 ވާ ބުދަދުވަހު 14:00 ކުރިން އެ މިނިސްޓްރީއަށް ހުށައަޅަންޖެހޭނެކަމަށެވެ. އަދި ޝަކުވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.

ހައުސިން މިނިސްޓްރީން ބުނީ ފުލެޓް ލިބޭ ފަރާތްތަކުގެ ދާޢިމީ ލިސްޓް އިޢުލާންކުރާނީ ހުށަހެޅޭ ޝަކުވާތަކާ ގުޅިގެންނާއި ސާފުކުރެވޭ އިތުރު މަޢުލޫމާތާ ގުޅިގެން ނުވަތަ ދެމަފިރިން ފުލެޓަށް އެދި ހުށަހަޅާފައިވާނަމަ އެމަޢުލޫމާތުތައް ބަލައި، ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގަކަމަށެވެ.

ފްލެޓް ލިބޭނެކަން އިއުލާން ކޮށްފައިވަނީ 10 ކެޓަގަރީ އެއްގެ ލިސްޓެވެ. އެ ކެޓެގަރީތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއެވެ. އަދި 18 އަހަރާއި 40 އަހަރުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ވަގުތީ ލިސް ވަނީ އާއްމުކޯށްފައެވެ.