ޚަބަރު

"އެޗްއާރު އެވޯޑްސް" ހޮނިހިރު ދުވަހުގެރޭ


ހިއުމަން ރިސޯސްގެ ދާއިރާއިން އެކި ކުންފުނިތަށް ކޮށްފައިވާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ބާއްވާ "އެޗް.އާރު އެވޯޑްސް" ހޮނިހިރު ދުވަހުގެރޭ އޮންނާނެއެވެ.

އެޗް.އާރު މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑް ހަފްލާގައި 2 ސެގްމަންޓަކުން 7 އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެ 2 ސެގްމަންޓްގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާއާއި އެހެނިހެން ވިޔަފާރިތަކުގެ ދާއިރާއެވެ.

އެޗް.އާރު އެވޯޑްސް ހަފްލާގައި އެންމެ ރަނގަޅު އެންޕްލޯއިމަންޓް އެޖެންސީއާއި ފާއިތުވި އަހަރު އެޗްއާރުގެ ދާއިރާއިން އެންމެ ގިނަ ޓްރެއިނިންގ ހިންގާފައިވާ ފަރާތަށްވެސް އެވޯޑް ދޭނެކަމަށް އެޗްއާރު މޯލްޑިވްސްއިން ބުނެއެވެ.

މި އެވޯޑް ހަފްލާ ބާއްވަނީ އެޗް.އާރު ޕްރޮފެޝަނަލް ދުވަހާއި ގުޅުވައިގެންނެވެ. އެވޯޑަށް ވާދަކުރުމުގެ ފުރުސަތު އެޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެޗްއާރު މޯލްޑިވްސްއިން ވަނީ ހުޅުވާލާފައެވެ. އަދި އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ އެވޯޑަށް ކުރިމަތިލި ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހުގައިކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މިއީ "އެޗްއާރު އެވޯޑްސް" ބާއްވާ ފުރަތަމަ ފަހަރެވެ.

އެޗް.އާރު މޯލްޑިވްސްއިން ވަނީ މީގެ ކުރިން "ފިފްޓީ މޯސްޓް ޓެލެންޓެޑް ލީޑާސް އެވްޑްސް" ގެ ނަމުގައިވެސް އެވޯޑެއް ދީފައެވެ.