ޚަބަރު

ކޮކާކޯލާގެ "ޝެއަރ އަ ކޯކް" ކެމްޕެއިން ލޯންޗުކޮށްފި


ކޮކާކޯލާއިން "ޝެއާރ އަ ކޯކް"ގެ ނަމުގައި ކެމްޕެއިނެއް ލޯންޗުކޮށްފިއެވެ.

ނެޝަނަލް އާރޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮކާ ކޯލާގެ "ޝެއާރ އަ ކޯކް" މި ކެމްޕެއިން ލޯންޗުކޮށްދެއްވީ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޤަނީއެވެ. "ޝެއާރ އަ ކޯކް" ކެމްޕެއިނަކީ ރާއްޖޭގެ މާހައުލަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮކާކޯލާގެ މަޝްހޫރު ކެމްޕެއިނެކެވެ.

މި ކެމްޕެއިނުގެ ޚާއްސަކަމަކީ ކޯކު ފުޅީގެ ބޭރުގައި އާއިލީ ގުޅުންތަކާއި ރަޙުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ނަންތައް ފަރުމާކުރެވިފައި ވާކަމެވެ. މިގުޅުންތައް ދައްކުވައިދޭ 16 ޓެގްލައިނެއް މި ކެމްޕެއިންގައި ހިމެނޭކަމަށް ކޮކާކޯލާ ކުންފުނިން މަޢުލޫމާތުދެއެވެ.

މި ކެމްޕެއިން ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ކޮކާކޯލާއިން ވަނީ ޤައުމީ ފުޓުބޯޅަ ޓީމަށް ޚާއްސަކޮށްގެން "ޗެމްޕިއަންސް"ގެ ނަމުގައި ވަކި ޓެގް ލައިނެއް ހިމަނައިގެން ކޯކު ފުޅީގެ ބޭރު ފަރުމާކޮށްފައެވެ. ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް މީގެ ކޯކު ފުޅިއެއް ލިބޭނެކަމަށް ކޮކާކޯލާއިން ބުނެއެވެ.

ކޮކާކޯލާއިން ލޯންޗުކުރި ޓެގް ލައިންތަކުގެ ތެރޭގައި "މަމް" "ޑޭޑް" "ބްރޯ" "ބީއެފްއެފް" "ސިސް" "ކޯޗް" ފަދަ ލައިންތައް ހިމެނެއެވެ. މި ރަސްމިއްޔާތުގައި ކޮކާކޯލާއިން ވަނީ ދިވެހި ރަހަތަކެއް އެކުލެވޭ "ޝެއާރ އަ ކޯކް" ގެ އިޝްތިހާރެއްވެސް ލޯންޗުކޮށްފައެވެ.

ރާއްޖޭގައި ކޮކާ ކޯލާގެ އޮތޯރައިޒް ޑިސްޓްރިބިއުޓަރ އަކީ މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީއެވެ. އެކުންފުނީގެ ދަށުން ރާއްޖޭގައި ކޮކާ ކޯލާ ކުންފުނި ހިނގާތާ 29 އަހަރުވެއްޖެއެވެ.