އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު އުފެދުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އިންތިޚާބީ ރައީސް އުފައްދަވާފައިވާ ޓްރާންސިޝަން ކޮމެޓީގެ ޗެއާރމަން އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގައި ޓްރާންސިޝަން ކޮމެޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރަކަށްވެ ހުރެމެ، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަމުގައި އުޅުއްވަމުން ގެންދަވާތީ ގިނަބަޔަކު އެކަމާ ކަންބޮޑުވާ ކަމަށެވެ. ރިޔާސީ ނިޒާމެއްގައި އެކަމުގެ ދަތިތަކެއް ހުންނާނެ ކަމަށް ގިނަބަޔަކު ޤަބޫލުކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ރާއްޖޭގެ މީޑިއާ މެދުވެރިކޮށް ދަންނަވާލަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އާ ސަރުކާރު އުފެއްދެވުމާއި އެކު އަޅުގަނޑު ރައްޔިތުން މަޖިލީހުން އިސްތިއުފާ ދީ އެމަނިކުފާނުގެ އާ ސަރުކާރުގެ ޚިދުމަތުގައި އަޅުގަނޑު ހުންނާނެ ކަމަށް،" ޝާހިދު ވިދާޅުވިއެވެ.
17ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ޝާހިދު މަޖިލިސް މެންބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރަން ފައްޓަވާފައި ވަނީ 1995ވަނަ އަހަރުގައެވެ. އެމަނިކުފާނު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވާތާ ފަންސަވީހަކަށް އަހަރު ވަނީ ވެފައެވެ.
"އަޅުގަނޑާއި އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ދެބޭފުޅުން އެކުއެކީގައި މަޖިލީސް މެންބަރުކަން ކުރައްވަން ފެއްޓެވީ. އެމަނިކުފާނު މަޖިލިސް ދޫކުރައްވާ ރާއްޖޭގެ ރިޔާސަތާއި ޙަވާލުވެވަޑައިގަންނަވާއިރު އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނު ސަރުކާރުގެ މަޤާމެއް ދެއްވައިފި ނަމަ އެ މަޤާމެއްގައި އެމަނިކުފާނަށް ޚިދުމަތް ކުރުމަށް އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހުންނާނެ ވާހަކަ،" ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ޝާހިދު ނިންމަވާފައިވާއިރު އެމަނިކުފާނަކީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތްޕުޅު ކުރައްވާފައެވެ.