ޚަބަރު

ގޯތި ވިއްކުމާ ގުޅޭގޮތުން ތުހުމަތުކުރެވޭ މައްސަލަތައް ބަލަންޖެހޭ - މާރިޔާ


ހުޅުމާލެއިން ގޯތި ވިއްކުމުގެ ކަންކަން ކުރިއަށްގެންދާއިރު އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހިންގާކަމުގެ ޝަކުވާ ލިބެމުންދާކަމަށާ، އެކަންކަން ބަލަންޖެހޭކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮންމެދުވަހަކު ބާއްވާ ދުވަހު ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު މިފަދަ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައި ކޮރަޕްޝަނާދެކޮޅަށް ތެދުވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާ، މިއީ އުފާކުރައްވާކަމެއްކަމަށެވެ. ގޯތި ވިއްކުމުގެ ކަންކަން ކުރިއަށްގެންދާއިރު ކޮރަޕްޝަނަށް މަގުފަހިވާކަންކަން ހުރިނަމަ އެކަންކަން އާސަރުކާރުންވެސް ބަލާނެކަމަށާ އެފަދަ ޢަމަލު ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުގެ ބާރުތައް ބަދަލުކުރުމުގެ މަރުޙަލާ ކުރިއަށްދާއިރު ހުރިހާ މުއައްސަސާއަކުންވެސް މިކަމަށް އެއްބާރުލުން ދެމުންދާކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި އެއްވެސް މުއައްސަސާއަކުންވެސް ސަރުކާރުގެ އިދާރާއަކުންވެސް ޤާނޫނާ ޚިލާފުކަމެއް ހިނގުމަށް ފުރުސަތު ދީގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.