 
					
									 
					
									
			ވިމެން އޮން ބޯރޑްސްގެ "ގާރލް ޗައިލްޑް އެމްބެސެޑަރ" އަކަށް ކަލާފާން ސްކޫލްގެ ގްރޭޑް އަށެއްގެ ދަރިވަރު ރިކްޒާ އާލް އަޙްމަދު އަޒީލް އައްޔަންކޮށްފިއެވެ. "އިންޓަރނޭޝަނަލް ޑޭ އޮފް ދަ ގާރލް ޗައިލްޑް" ނުވަތަ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިމެން އޮން ބޯރޑްސްއިން ގާރލް ޗައިލްޑް އެމްބެސަޑަރަކަށް އާލް އައްޔަން ކުރައްވާފައިވަނީ ކަލާފާން ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.  
މި ރަސްމިއްޔާތުގައި ކަލާފާން ސުކޫލުގެ ޕްރިންސިޕަލާއި މެނޭޖެމެންޓްގެ އިސް ބޭފުޅުންނާއި ވިމެން އޮން ބޯރޑްސްގެ ބޯޑު މެމްބަރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 
ކަލާފާނު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އާލްއަށް ވަނީ "ގާރލް ޗައިލްޑް އެމްބެސެޑަރ"ގެ ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްފައެވެ. މިއާއެކު އާލް މަސައްކަތް ކުރަމުންދާނީ ވޮބްގެ ވޮލެންޓިއަރެއްގެ ގޮތުގައި ކަމަށް ވިމެން އޮން ބޯރޑްސްއިން ބުނެއެވެ.
 
ވިމެން އޮން ބޯރޑްސް އިން ބުނީ ޖެންޑަރ ޑައިވާރސިޓީއާއި އަންހެނުން ބާރުވެރިކުރުމުގެ ޕްރޮގްރާމުތަކާއި އަދި ޅަފަތުގައި ޤައުމު ތަރައްޤީކުރުމުގައި ކުދިން ބައިވެރިކުރުވުމުގެ ސިޔާސަތަކީ އެޖަމުޢިއްޔާއިން އަބަދުވެސް ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.  
ވިމެން އޮން ބޯރޑްސް ޖަމްޢިއްޔާއަކީ، އަންހެނުންގެ ޙައްޤުޤައި މަސައްކަތް ކުރުމަށް 2015 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.