 
					
									
			މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތުމާއިއެކުހެން ބައެއް މުޖުތަމަޢުތަކުގައި ޖިންސީ ތަފާތުކުރުން ގެންގުޅޭކަމަށާ، މިހާރުން މިހާރަށް ހުއްޓާލަންޖެހޭކަމަށް އދ.ގެ ސެކެޓްރީ ޖެނެރެލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ. 
އޭނާ މިހެން ގޮވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަހާ ގުޅޭގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައެވެ. 
އދ.ގެ ސެކެރެޓަރީ ޖެނެރެލް އެންޓޯނިއޯ ގުއެޓަރީސް ވިދާޅުވީ ޖިންސީގޮތުން ކުދިން ތަފާތުކޮށް ވަކި ޖިންސެއް ޚިޔާރުކުރުމަކީ ވަރަށް ކުރީއްސުރެންވެސް ބައެއް މުޖުތަމަޢުތަކުގައި ކުރަމުން އަންނަކަމެއް ކަމަށާ މިކަން މިހާރުންމިހާރަށް ހުއްޓާލަން ޖެހޭކަމަށެވެ. 
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މިފަދަ ކަންތައްތަކަށް އަލި އަޅުވާލަމުން އެންޓޯނިއޯ ގުއެޓަރީސް ވިދާޅުވީ 1990 ވަނަ އަހަރުން ފެށިގެން ބައެއް ހިސާބުތަކުގައި އާދަޔާ ޚިލާފަށް އަންހެންކުދިންގެ އާބާދީ މަދުވެފައިވާކަމަށެވެ. އެގޮތުން އަންހެން ކުދިންގެ އާބާދީއާއި އަޅާބަލާއިރު ބައެއް ހިސާބުތަކުގައި ފިރިހެންކުދިންގެ އާބާދީ %25 އިތުރުވެފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. 
އަދި ބައިނަލްއަޤްވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު އަންހެން ކުދިންގެ ޙައްޤުތަށް ހޯދައިދީ އެމީހުންގެ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކޮށް، ވަޒީފާގެ މާހައުލަށް ފިރިހެނުންނެކޭ އެއްފަދައިން އެކުދިން ނެރެދިނުމަށް މަސައްކަތް ކުރަންޖެހޭނެކަމަށްވެސް އެންޓޯނިއޯ ގުއެޓަރީސް ފާހަގަކުރެއްވިއެވެ. 
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އޮކްޓޯބަރު މަހެއްގެ 11 ވަނަ ދުވަހު އދ.އިން ފާހަގަކުރަމުންދާ ދުވަހެކެވެ. މިއަހަރުގެ އަންހެންކުދިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ.އިން ކަނޑައަޅާފައިވަނީ "ވިތް ހާރ- އަ ސްކިލްޑް ގާރލް ފޯސް" ނުވަތަ "އޭނައާއެކު-ކުޅަދާނަ އަންހެނުންގެ ލަޝްކަރެެއް" މިޝިޢާރެވެ. 
އދ.އިން ބުނީ މިޝިޢާރުގެ ދަށުން ވިޔަފާރިވެރިންނާއެކު މަޝްވަރާކުރެވިގެން ކުރިއަށް އޮތް ތަނުގައި އަންހެން ކުދިންގެ ހުނަރުތައް ދިރުވައި ވަޒީފާގެ މައިދާނުން އެކުދިންނަށް އިތުރު ފުރުސަތު ހޯދުމަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ. ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު "ޓީމް ގާލްސް"ގެ ނަމުގައި ރާއްޖޭގެ އެކި ސްކޫލްތަކުގައި ދަނީ މިދުވަސް ކުލަ ގަދަކޮށް ފާހަގަކުރަމުންނެވެ.