ޚަބަރު

ބްރެކްސިޓް މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާތީ މަރކެލް މަރުޙަބާ ވިދާޅުވެއްޖެ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭގޮތުން ވިލާތުގެ އިއްތިހާދާ އެ ޤައުމާ ދެމެދު ކުރިއަށްގެންދާ މަޝްވަރާތަކުގައި ލިބިފައިވާ ކުރިއެރުންތަކަށް ޖަރުމަނު ޗާންސެލަރ އަންގެލާ މަރކެލް މަރުޚަބާ ވިދާޅުވެއްޖެއެވެ.

ނެދަލޭންޑްސަށް ވަޑައިގެން އެ ޤައުމުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މަރކެލް ވިދާޅުވީ، މަޝްވަރާތަކުގައި ދެ ފަރާތުން ހޯދާފައިވާ ކާމިޔާބީއަށް މަރުޚަބާ ކިޔުއްވާ ކަމަށާއި، އެހެންނަމަވެސް މިކަމަކީ އެންމެ ކުޑަ ތަފްސީލާ ބެހޭގޮތުން ވެސް ގޮތެއް ނިންމަންޖެހޭ ޒާތުގެ މައްސަލައެއްކަމަށެވެ. މަރކެލް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުޙަލާގެ މަޝްވަރާތައް ކަމަށާއި، މަޝްވަރާތައް އަވަހަށް ނިމުމުން މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތަކަށްވެސް ފައިދާވާނެކަމަށެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހުގައިވެސް ޖަރުމަނުވިލާތުން އިނގިރޭސިވިލާތާ އެކު ގާތް ގުޅުމެއް ބޭއްވުމަށް ބޭނުންވާ ކަމަށް، ޖަރުމަނު ޗާންސެލަރ ވިދާޅުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި ސަލާމަތީ ކަންކަމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ޖަރުމަނުވިލާތުން ބޭނުންވާކަން މަރކެލް ހާމަކުރެއްވިއެވެ.

ދެ ފަރާތުގެ ދެމެދު ކުރިއަށްގެންދާ މަޝްވަރާތަކުގައި ދާދި އަވަހަށް އެއްބަސްވުމަކާ ހަމައަށް ވާސިލުވެވޭނެކަމަށް، ވިލާތުގެ އިއްތިހާދުންވެސް އަދި އިނގިރޭސިވިލާތުންވެސް ބުނެފައިވެއެވެ.