ޚަބަރު

އަންހެނުންނަށް ދިމާވާ މައްސަލަތައް ޙަލުކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ - ޒެނީޝާ


އަންހެން ކުދިންނަށް ލިބޭ އެކިކަހަލަ އަނިޔާތައް ހުއްޓުވުމަކީ ޤައުމީ ފެންވަރެއްގައި މިހާރަށްވުރެވެސް ބޮޑަށް ކުރަންޖެހޭ މަސައްކަތްތަކެއްކަމަށާ، ޖެންޑަރ މިނިސްޓްރީއަށް ހުށައެޅޭ މައްސަލަތަކުގެ ނިސްބަތުން އަދިވެސް އެންމެ ގިނައީ އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަމަށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް ގަރލްގައިޑް އެސޯސިއޭޝަނުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އަންހެން ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް ޙައްލު ހޯދުންކަމަށެވެ.

އެގޮތުން ރާއްޖެއަށް ބަލާއިރު ވަޒީފާގެ ބާޒާރުގައި އަންހެން ކުދިން ބާރުވެރި ކުރުވުމާއި، އެދާއިރާއިން އަންހެން ކުދިން ކުރިއަރުވައި، މެނޭޖްމަންޓް ލެވެލްގައިވެސް ނަމޫނާ ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރވަނީ އެކި ދާއިރާތަކަން ދިވެހި އަންހެން ކުދިން ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.

ކުރިއާ އަޅައިބަލާއިރު، ރާއްޖޭގައި ހުރިހާ ދާއިރާއެއްގައިވެސް އަންހެން ކުދިން ވަނީ ކާމިޔާބީތަކާއި އެތައް ކުރިއެރުންތަކެއް ޙާސިލްކޮށްފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަންހެން ކުދިންނަށް ލިބޭ އެކިކަހަލަ އަނިޔާތަކާމެދު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމީ ފެންވަރެއްގައި އެފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާ، މިއީ އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލައެއްކަމަށެވެ. ޖެންޑަރއަށް ހުށައެޅޭ މައްސަލަތަކުގެ ނިސްބަތުން އެންމެ ގިނައީ އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ އދ.ގެ ޕޮޕިއުލޭޝަން ފަންޑާއި މިނިސްޓްރީ އޮފް އެންވަޔަރަމެންޓާއި މޯލްޑިވްސް ގަރލްގައިޑް އެސޯސިއޭޝަނުން ގުޅިގެން ތައްޔާރުކޮށްފައިވާ "ނިރަކުން" ވީޑިއޯ ލޯންޗް ކޮށްފައެވެ. މި ވީޑިއޯ ލޯންޗް ކޮށްދެއްވީ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއެވެ.

މި ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގައި "ޓީމް ގަރލްސް"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް މި ރަސްމިއްޔާތުގެ ތެރެއިން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.