ޚަބަރު

ނަފްސާނީ ބައްޔަށް ފަރުވާ ލިބިގަތުމަށް ހިތްވަރު ދެއްވާ


ރާއްޖޭގައި ނަފްސާނީ މައްސަލަ ތަކުގެ ވާހަކަ ދާއްކާ މިންވަރު އިތުރުވެފައިވާކަމަށާ، މިއީ ހެޔޮ ފާލެއްކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ނަފުސާނީ ބަލިތަކަށް ހޭލުންތެރި ކުރުމާއިބެހޭ ގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދިވެހި ރެޓްކްރެސެންޓްގެ ސައިކޯސޯޝަލް ސަޕޯޓު ޔުނިޓުގެ ބޯޑު މެމްބަރު، ފިއުނާޒް ވަޙީދު ވިދާޅުވީ ނަފްސާނީ މައްސަލަ ތަކުގެ ވާހަކަ ދާއްކާ މިންވަރު ކުރިއަށް ވުރެ އިތުރުވެފައިވާކަމަށާއި، އެގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ނަފްސާނީ ބަލިތަކާއި އެންމެންވެސް ކުރިމަތިލާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުޖުތަމަޢުން މިކަން ޙައްލުކުރުމަށް ކުރެވޭނެ އެންމެ މުހިއްމުކަމަކީ އަނެކާ ދައްކާ ވާހަކަ ކަނުލައި އަޑުއެހުންކަމަށް ފިއުނާޒު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ގައިންގަޔަށް ނާރާ ބަލިތަކަށް މީހުން ހޭލުންތެރިކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ އެންބެސެޑަރ މޫސާ ވަސީމް ވިދާޅުވީ، ކަންކަން ކުރިމަތިވުމުން ހަމައެކަނި ހިތްވަރުކުރުމަށް ނަސޭޙަތްދިނުމުގެ ބަދަލުގައި، ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެންމެވެސް އުޅެމުންދަނީ ވަރަށް ހާސްކަން ބޮޑު ދިރިއުޅުމެއްގަކަމަށާ އެކަމުގެ ސަބަބުން ނަފްސާނީ ބަލިތައްވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާކަމެށެވެ. އެހެންކަމުން ނަފްސާނީ ގޮތުން ދިމާވާ ކަންކަމާ ކުރިމަތިލައި އެފަރާތްތަކަށް އިތުރަށް ހިތްވަރުކުރުމަށް ނަސޭޙަތްތެރިވުމުގެ ބަދަލުގައި އެކަމަކަށް ފަރުވާ ހޯދުމަށް އޭނާ ނަސޭޙަތްތެރިވިއެވެ.

ފަރުވާ ހޯދުމާއި ގުޅޭގޮތުން، މޫސަ ވިދާޅުވީ ފަރުވާ ހޯދުމަށް އަޅާ ފުރަތަމަ ފިޔަވަޅަކީ އެމީހެއްގެ ގޭތެރެއިން އަޅާ ފިޔަވަޅަކަށް ހެދުމަކީ މުހިއްމު ކަމެއްކަމަށެވެ. އެގޮތުން ޢާއިލާގައިވެސް އަދި ރަޙުމަތްތެރިންގެ މެދުގައިވެސް ތަފާތު ގޮތަކަށް ނުވަތަ ކުރިން ނޫޅޭ ގޮތަކަށް އުޅެ، އެމީހެއްގެ އުޅުމަށް ބަދަލު އަންނަނަމައެކަމާ ސުވާލުކުރަންޖެހޭކަން އޭނާ ފާހަގަކުރިއެވެ.

10 އޮކްޓޯބަރ ފާހަގަކުރަނީ، ނަފުސާނީ ބަލިތަކަށް މީހުން ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކޮށް، ނަފުސާނީ ބަލިތަކަށް މީހުން ހޭލުންތެރިކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުންވަނީ ތަފާތު ހަރަކާތްތައް ހިންގާފައެވެ.