ޚަބަރު

ޕަންޓުންޖަތާއި ޝިނަވަޓްރާ މިނިވަންކޮށްފި

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަލުން ޕަންޓުންޖަތާއި ޝިނަވަޓްރާ މިނިވަންކޮށްފިއެވެ.

ބެންގްކޮކްގެ ކޯޓަކުން ޕަންޓުންޖަތާއި މިނިވަންކުރީ ކަފާލާތުގެ ދަށުންނެވެ. ކަފާލާތަށް އެއްމިލިޔަން ބާތު ނުވަތަ 30،000 ޑޮލަރު ކޯޓަށް ދެއްކިކަން ޝިނަވަޓްރާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އުމުރުން 39 އަހަރުގެ ބަންތުންޖަތާއި ޖަލަށްލާފައިވަނީ މަނީ ލޯންޑްރިންގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެންނެވެ. އެހެންނަމަވެސް އޭނާގެ އާއިލާއިން ތުހުމަތުކުރަނީ ޕަންޓުންޖަތާއިގެ މައްޗަށް ހުކުމް ކޮށްފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށެވެ.

ތައިލެންޑްގެ ސިފައިންވަނީ 2014 ވަނައަހަރު އަސްކަރީ އިންޤިލާބެއްގައި އެގައުމުގެ އޭރުގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާގެ މަދަނީ ސަރުކާރު ވައްޓާލައި އަސްކަރީ ސަރުކާރެއް އުފައްދާފައެވެ. އަސްކަރީ ސަރުކާރުންވަނީ އަންނަ އަހަރު އާންމު އިންތިޚާބެއް ބާއްވައިގެން ޑިމޮކްރެޓިކް ސަރުކާރެއް ވެރިކަމާ ހަވާލުވުމުގެ ފުރްސަތު ދޭނެ ކަމަށް ބުނެފައެވެ.