ޚަބަރު

ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން ހަރުދަނާކުރުމާބެހޭ މަޝްވަރާތަކެއްކޮށްފި


ދިވެހިރާއްޖެއާ އެމެރިކާގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭގޮތުން ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިޔާއަށް ކަޑައަޅާފައި ހުންނަ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް އެލިސް ޖީ ވެލްސްއާ މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުން ބޭއްވީ އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިޔާއަށް ކަޑައަޅާފައިހުންނަ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް އެލިސް ޖީ ވެލްސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރާއި ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް އެލިސް ބޭއްވި ބައްދަލުވުމުގައިވަނީ ރާއްޖެއާ އެމެރިކާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. މިގޮތުން ކައުންޓަރ ޓެރަރިޒަމާ، ޑިމޮކްރަސީ ހަރުދަނާކުރުމާ، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި އަދި ދެޤައުމުން އެއްބާރުލުން ދެވިދާނެ އެހެނިހެން ދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.

އެލިސް ވެލްސްގެ ދަތުރުފުޅުގެ ތެރެއިން އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހާ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރާ، ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީއާވެސް އެލިސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުގައި މިއަދު ފޮރިން ސެކްރެޓަރީއާއެކު ބޭއްވި މިބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ސްރީލަންކާގައި ހުންނަ އެމެރިކާގެ އެންބަސީގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ.