ނިމިދިޔަ ރިޔާސީ އިންތިޚާބާގުޅޭ މައްސަލައެއް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ ސެޕްޓޭމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެފަދަ ގިނަމައްސަލަތަކެއް ހުރިކަމަށްބުނެ ޕީޕީއެމްގެ ފަރާތުން އިހްތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރިޔާސީ އިންތިޚާބާއި ގުޅުހުރި މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާކަން ވެރިކަން ޕީޕީއެމުންވަނީ ކަށަވަރުކޮށްދީފައެވެ.
މިކަމާ ގުޅިގެން ޕީޕީއެމްއިން ނެރެފައިވާ ބަޔާނެއްގައިވަނީ ރިޔާސީ އިންތިޚާބު ހިނގަމުންދިޔައިރު،
ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އިންތިޚާބުގައި ޙަރަކާތްތެރިވި އޮބްޒަރވަރުންނާއި
މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެޕާޓީއަށްވަނީ ވަރަށްގިނަ ޝަކުވާތަކެއް ހުށައަޅާފައިވާކަމަށްވެ.
ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.
ޕީޕީއެމްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓު ލުމުގެ
މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ޙީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފު ތަފާތު އާލާތްތައް
ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކުރުމާއި ރީ-ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އެކި
އޮފިޝަލުންގެ ޢަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ ގިނަ ކަންތައްތަކެއް ހިމެނޭކަމަށް ޕީޕީއެމްއިން ބުނެއެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ އިންސާފުވެރިކޮށް ނޫންކަމަށާ، އިންތިޚާބުގައި އޮޅުވާލުމާއި މަކަރުހެދުމުގެ ޢަމަލުތަކެއް ހިނގާފައިވާކަމަށް ޕީ.ޕީ.އެމުން ތުުމަތުކުރެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާމެދުވެސް ޕީޕީއެމްއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެޕާޓީންދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާކަމަށްބުނެ އެކަމާއި ދެކޮޅަށް ކޮންމެރެއަކު އަޑުއުފުލަމުންނެވެ.
އެހެން ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ މިނިވަން އިންސާފުވެރި އިންތިޚާބުކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީ.ޕީ.އެމްގެ ތުހުމަތުތައް ދޮގުކޮށްފައެވެ.