ޚަބަރު

ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރަންޖެހޭ - ޑިފެންސް މިނިސްޓަރ

ޤުދުރަތީ ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ސަރަހައްދަކަށް އެޝިއާ ސަރަޙައްދު ހެދުމަށް ގޮވާލައްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ތަޤްރީރުކުރައްވައިފިއެވެ.

ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވާ ޤުތުރަތީ ކާރިޘާތަކުން ސަލާމަތްވެވޭނެ ގޮތްތަށް ދެނެގަތުމާބެހޭގޮތުން ތައިލެންޑްގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރާއްޖެފަދަ ކުދި އަދި ތިމާވެށީގެ މައްސަލަތައް ގިނަ ޤައުމުތަކަށް ކުރިމަތިވާ ޤުދުރަތީ ކާރިޘާތައް ދެނެގަތުމުގައި ޓެކްނޮލިޖީގެ އެހީ ބޭނުންކުރުމަކީ މުހިންކަމެއްކަމަށެވެ.

އަދި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއި، މިކަމުގައި ދުނިޔޭގެ އެހެން ޤައުމުތަކުން ޢަމަލުކުރާ އުސޫލްތައް ދެނެގަނެވި ޓެކޮނޮލިޖީގެ އެހީގައި ގެއްލުން ކުޑަކުރާނެ ސަރަހައްދަކަށް އޭޝިއާ ހެދުމަށް ގޮވާލައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރަހއްދީ ޤައުމުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އެއަށް ޢަމަލުކުރާނެ މަގުޗާޓެއް އެކުލަވާލަންޖެހޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބަުން ކުރިއަށް އޮތްތަނުގައި ޤުދުރަތީ ކާރިޘަތަކުގެ ދަނޑިވަޅުގައި ކަންތައް ކުރާނެ ގޮތްތައް ކަނޑައެޅިގެންދާނެކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކި ފަރާތްތަކާއި ގުޅިގެން ވޭތުވެދިޔަ ތަނުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތަަކަށް މަސައްކަތްކުރުމުގައި މިހާތަނަށް ތަޖުރިބާކުރެވިފައިވާ ކަންކަން މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ. ޓެކްނޮލޮޖީގެ އެހީގައި ޤުތުރަތީ ކާރިޘާތަކުން ސަލާމަތްވެވޭނެ ގޮތްތަށް ދެނެގަތުމާބެހޭގޮތުން މިހާރު ތައިލޭންޑްގައި ހިނގަމުންދާ ބައްދަލުވުމުގައި ދުނިޔޭގެ 32 ޤައުމަކުން ބައިވެރިވެއެވެ.