ޚަބަރު

ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވުމާއި ގުޅޭ ޕެނަލް ޑިސްކަޝަނެއް ކުރިޔަށް ގެންގޮސްފި!


ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވަމުންދިއުމާ ބެހޭ ގޮތުން ޚާއްސަ ޕެނަލް ޑިސްކަޝަނެއް ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އިންސްޓިޓިއުޓް ފޮރ ކައުންސިލިން އެންޑް ސައިކޯތެރަޕީ، އައިސީޕީއިން ކުރިޔަށް ގެންގޮސްފިއެވެ.

އައިސީޕީ އޮފީހުގެ ހޯލުގައި ކުރިޔަށްދިޔަ މިޕެނަލް ޑިސްކަޝަންގައި މި މަޢުޟޫއާބެހޭ ގޮތުން މަޢުލޫމާތު ދީފައިވަނީ ނަފްސާނީ ބަލިތަކުގެ މީހުންނަށް ފަރުވާދިނުމަށް ޙަރަކާތްތެރިވެފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި، މިކަމާ ގުޅުންހުރި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ. މީގެތެރޭގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަޑައަޅާފައިހުންނަ މަންދޫބު ޑރ.އަރުވިންދު މާތޫރާއި އައިސީޕީގެ ކްލިނިކަލް ސައިކޮލޮޖިސްޓް ވިނޯދު ކުމާރާއި މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އައިޝަތު ލޫބާ އާއި ރާއްޖޭގެ އެންމެ ފުންނާބުއުސް އެއް ސައިކޮލޮޖިސްޓް ޑރ.އާރިފު މުޙައްމަދާއި ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ވަފާ ވަޙީދުގެ އިތުރުން ކުލުނު ވެހީގެ ސައިކޯތެރަޕިސްޓް މުސްތަފާ ފާރޫޤު ހިމެނެއެވެ.

މިޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދިޔައީ މިއަހަރުގެ ވޯލްޑް މެންޓަލް ހެލްތް ޑޭގެ ޝިއާރު "ބަދަލުވަމުންދާ ދުނިޔޭގައި ޒުވާނުންނާ ނަފްސާނީ ބަލިތައް" މިމައުޟޫގެ މައްޗަށެވެ.

މިފެންލަ ޑިސްކަޝަންގައި ސްކޫލް ދަރިވަރުންނާއި، އާންމު ބައެއް ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ. ހަ ސުވާލެއްގެ މައްޗަށް އެކުލެވިގެން ކުރިޔަށްދިޔަ މިޑިސްކަޝަންގައި ނަފްސާނީ ބަލިތަކަކީ ކޮބައިކަމާއި ފުރާވަރުގެ ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވުމަށް ދިމާވާ ސަބަބުތަކާއި މިފަދަ ކަންކަމަށް މުޖުތަމަޢުގެ ތެރެއިން ހައްލުހޯދޭނެ ގޮތްތަކާބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ނަފްސާނީ ބަލިތައް އިތުރުވާން ދިމާވާ ސަބަބުތަކާއި އެފަދަ މައްސަލަތައް ހައްލުކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތަކާއި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެ ގޮތްތަކާބެހޭގޮތުން މި ސެޝަންގައި ވަނީ މަޝްވަރާކޮށްފައެވެ.