ސިއްހަތު

ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި


ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، އިތުރު ޚިދުމަތްތަކެއް ތަޢާރަފުކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދެމުންދާ އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައިނަމަވެސް، ޚިދުމަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ނިންމާ މިދިޔަ މާރޗްމަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާފައިވާއިރު، މި ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދީފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓުވެގެން ފަރުވާ ހޯދާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން، އާއްމު އެހެން ހޮސްޕިޓަލުތަކެކޭ އެއްގޮތަށް އެޑްމިޓުނުވެ ހޯދާ ޚިދުމަތްތަކަށްވެސް އާސަންދަ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯކަމުގެ މަޤާމާއި އަލަށް ހަވާލުވެވަޑައިގެންނެވި ޖޭމްސް ބަރ ވިދާޅުވީ، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވިނަމަވެސް، ޚިދުމަތްތަކުގެ އަގުތަކާމެދު އާއްމުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެކަންކަމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވިސްނާ ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މި ހަފްތާއިން ފެށިގެން އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ޖޭމްސް ފާހަގަކުރެއްވިއެވެ. ނަމަވެސް އަގުތަކަށް ގެނެސްފައިވަނީ ކިހާވަރެއްގެ ބަދަލެއްކަމެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

"މިތަނުގެ ޚިދުމަތްތަކާމެދު ވަރަށް ރަނގަޅު ފީޑްބެކްތަކެއް ލިބެމުންދޭ.. ނަމަވެސް އާއްމުންގެ ތެރޭގައި އޮތް ކަންބޮޑުވުމަކީ މިތަނުގެ އަގު ބޮޑުވުން.. އަޅުގަނޑުމެން އާއްމުންގެ އެ ކަންބޮޑުވުންތައްވެސް އަޑުއަހާ، އެކަމަށް ލުއިގޮތްތަކެއް މި ވަނީ ހޯދާދީފައި.. މި ހަފްތާއިން ފެށިގެން ވަރަށް ގިނަ ޚިދުމަތްތަކެއް އަގުތަކަށް ހެޔޮ ބަދަލުތަކެއް އަތުވެގެންދާނެ.. މި ބަދަލުތަށް ވެގެންދާނީ ދިވެހިންނަށް އެންމެ އެކަށީގެންވާ ބަދަލުތަކަކަށް ޔަޤީންކުރަން.."

ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ އަގުތަކަށް ގެންނަމުންދާ ބަދަލުތަކާއެކު އެ ހޮސްޕިޓަލުން ވަނީ އިތުރު ޚިދުމަތްތަކެއްވެސް ދޭން ފަށާފައެވެ. އެގޮތުން އަލަށް ފަށާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ފަރުވާއާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށްދޭ ފަރުވާއާއި ލޮލުގެ ބަލިތަކަށްދޭ ފަރުވާ ހިމެނެއެވެ. މީގެ އިތުރުން ކެމެރާ ލައްވައިގެން ކުރާ އެކިކަހަލަ ސަރޖަރީތައްވެސް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުން ކުރެވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލާއި އަލަށް ގުޅުނު ޖެނެރަލް ސަރޖަން، ޑރ. ޢަބްދުﷲ އުބައިދު ވިދާޅުވީ، ދިވެހިން އާއްމުކޮށް ކުރާ ސަރޖަރީތަކާއި، އޮޕަރޭޝަންތަކުގެ އަގު އެ ހޮސްޕިޓަލުން ހެޔޮކޮށްފައިވީނަމަވެސް ޚިދުމަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނުގެންނަކަމަށެވެ.

"އާއްމުކޮށް ދިވެހިން މިކުރާ ޖެނެރަލް ސަރޖަރީތައް މިސާލަކަށް މައިބަދައިގެ އޮޕަރޭޝަންތަކާއި، ހުޅުބަދަލުކުރުން ފަދަ ޚިދުމަތްތަކުގެ އަގުތައް ވަރަށް ބޮޑުތަން ދަށްކުރެވިފައި މިހާރު މިވަނީ.. އެހެންވީމަ ދިވެހިން މިފަދަ ޚިދުމަތްތައް ހޯދުމަށް ކޮންމެހެން ރާއްޖޭން ބޭރަށް ދިއުމުގެ ބޭނުމުއް މިހާރު ނެތް.. މިތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންދެން.. އަޅުގަނޑުމެންގެ ޓީމަކީ ތަޖުރިބާ ހުރި ޓީމެއް.. ޓްރީޓޮޕް ހިޔާރުކުރަންވީވެސް މި ސަބަބަށްޓަކާ.."

ޓްރީޓޮޕް ހޮސްޕިޓަލުގައި ވަނީ، އެންމެ އާދައިގެ ބަލިތަކުންފެށިގެން، ނާރުގެ އޮޕަރޭޝަންތަކާއި، ކަށީގެ އެކިކަހަލަ އޮޕަރޭޝަންތައްވެސް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެ ހޮސްޕިޓަލުންދޭ ސުޕަރ ސްޕެޝަލިޓީ ޚިދުމަތްތަކުގެ ތެރޭގައި ހިތުގެ ބަލީގެ އެކި ކަހަލަ އޮޕަރޭޝަންތަކާއި، ކިޑްނީގެ ބަލިތަކަށްދޭ ފަރުވާއާއި، ކެންސަރު ބަލީގެ ފަރުވާވެސް ހިމެނެއެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގައި ދުނިޔޭގެ 33 ޤައުމެއްގެ ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.