ޚަބަރު

ވެރިކަން ބަދަލުކުމުގެ މަރުހަލާ އަމާންކަމާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އެބައޮތް - އީޔޫ


ރާއްޖޭގެ ވެރިކަން ބަދަލުކުމުގެ އިންތިޤާލީ މަރުހަލާ އަމާންކަމާއިއެކު ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޔޫރަޕިއަން (އީޔޫ)އިން ބުނެފިއެވެ.

މިމަހުގެ ފަހަކުން އަށަކަށް ރާއްޖެއަށް ޒިޔާރަތްކުރި އީޔޫގެ ވަފުދުގެ އިސްވެރިޔާ ޓުންގް ލައި މާރގް ވަނީ ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ޤައިމުކުރުމަށް ގޮވާލާ، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ގޮތުގެ މައްޗަށް ތަޢުރީފުކުރައްވާފައެވެ. އެގޮތުން މި މަރުޙަލާގައި އީޔޫއިން ފުރިހަމަ އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ޓުންގް ލައި މާރގް ވަނީ ދެއްވާފައެވެ. މިމޭރުމުން ވާހަކަދައްކަވަމުން ޓުންގް ލައި މާރގް ވަނީ ރާއްޖެއާއި އީޔޫގެ ގުޅުން ވަރުގަދަކުރުމަށް އިތުރު މަސައްކަތް ކުރުމަށް ތައްޔާރަށް ހުރިކަން ހާމަކުރައްވާފައެވެ. އެގޮތުން އަދުލުއިންސާފު ޤާއިމުކުރުމުގެ ދާއިރާއާއި، އެންޓިކޮރަޕްޝަންގެ ސްޓެރެޓެޖީތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ކުރާ މަސައްކަތްތަކުގެ ދާއިރާތަށް ފަދަ ދާއިރާތަކުން ރާއްޖެއިން ބޭނުންވާ އެހީތެރިކަން އީޔޫއިން ދޭނެކަމުގެ ޔަޤީންކަން އޭނާވަނީ ދެއްވާފައެވެ.

ޓުންގް ލައި މާރގް ވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން، އިންތިޚާބީ ރައީސް އިންރާޙިމް މުހައްމަދު ޞާލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހޯއްދެވި ކާމިޔާބީއަށް މަރުޙަބާވިދާޅުވެފައެވެ.

އީޔޫއިން މިމަހުގެ ފަހަކުން އަށަކަށް ކުރި މިދަތުރުގައި އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހާއި، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަޙްމަދު ލަތީފާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ވަފުދުންވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއިއެކުވެސް ބައްދަލުކުރައްވާފައެވެ.