ޚަބަރު

އިންތިޤާލީ ކޮމެޓީގައި ތިއްބަވާ ބޭފުޅުންނަކީ އޮފީސްތަކާއި ޙަވާލުވާ ބޭފުޅުންނެއް ނޫން - މާރިޔާ


ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން އެކުލަވާލައިފައިވާ އިންތިޤާލީ ކޮމެޓީގައި ތިއްބަވާނީ ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިޤާލީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކާއި ގުޅޭގޮތުން ދައްކާ ވާހަތަކަށް ރައްދު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ އިންތިޤާލީ ކޮމެޓީގައި ތިއްބަވާ ބޭފުޅުންނަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި މަޝްވަރާކުރެވިގެން ސިޔާސީ ބޭފުޅުންނާއި ޓެކްނިކަލް އަދި ޕްރޮފެޝަނަލް ބޭފުޅުން ހިމެނޭގޮތަށް އެކުލަވާލައިފައިވާ ކޮމެޓީއެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންތިޤާލީ ކޮމެޓީތަކުން ކުރާ މަސައްކަތަކީ ސަރުކާރު އޮފީސްތަކުގެ ޙާލަތު ދެނެގަނެ، އެ އޮފީސްތަކުގެ މެންޑޭޓާއި އެއްގޮތަށް ކަންކަން ކުރިއަށްދޭތޯ ބެލުން ކަމަށެވެ. އިންތިޤާލީ ކޮމެޓީގައި ތިއްބެވި ބޭފުޅުންނަކީ އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށްފަހު އެކުލަވާލައި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާނެ ބޭފުޅުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ރައްދު ދެއްވާފައެވެ.

"އިންތިޤާލީ ކޮމެޓީގައި ތިއްބަވާ ބޭފުޅުންނަކީ މި އޮފީސްތަކަށް ޙަވާލުވާނެ ބޭފުޅުންނެއް ނޫން. އެބޭފުޅުން ކުރައްވާ ކަމަކީ މި އޮފީސްތަކުގެ ޙާލަތު ދެނެގަނެ، އޮފީސްތަކުގެ ބޭފުޅުންނާއި ބައްދަލުކޮށް ދުވަހުން ދުވަހަށް ދޭންޖެހޭ ޚިދުމަތްތައް ދެމުންދޭތޯ ބެލުން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުޙަލާ ކަންކަން ކުރިއަށްގެންދިއުމުގައި، ދަޢުލަތުގެ އޮފީސްތަކާއި، ކުންފުނިތަކުން އިންތިޚާބީ ރައީސް އުފައްދަވާފައިވާ ޓްރާންސިޝަން ކޮމިޓީތަކަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.