ޚަބަރު

ކޮރެއާ އާއި އެމެރިކާއިން ދެ ޤައުމުގެ ލީޑަރުންގެ ދެވަނަ ސަމިޓަކަށް ތައްޔާރުވަނީ


އާދިއްތަ ދުވަހު އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ އެކު ކުރިއަށް ދިޔަ މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި، މި މަޝްވަރާތަކުގައި ކުރިއެރުންތައް ލިބިފައިވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އުތުރު ކޮރެއާއަށް ވަޑައިގެން އެ ގައުމުގެ ޒަޢިމް ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވުމަށްފަހު ދެކުނު ކޮރެއާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ، އުތުރު ކޮރެއާ އާއި އެމެރިކާއިން އޮތީ ދެ ޤައުމުގެ ލީޑަރުންގެ ދެމެދު އަނެއްކާ އަލުން ސަމިޓެއް ބޭއްވުމަށް އެއްބަސްވުމާ ދާދި ގާތުގައި ކަމަށެވެ.

މީގެ އިތުރުން، އުތުރު ކޮރެއާއިން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ އަދި މިސައިލް ޓެސްޓް ސައިޓްތަކަށް ބައިނަލްއަޤްވާމީ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަވެސް ދީފައކަމަށް ވެސް ޕޮމްޕެއޯ ވިދާޅުވިއެވެ. އެހެންނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އެންމެ ފަހުގެ މަޝްވަރާތަކުގައި ޕޮމްޕެއޯއަށް ހަޤީޤަތުގައި އެއްވެސް ކާމިޔާބީއެއް ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ.

އެ ފަރާތްތަކުން ބުނެފައިވަނީ އެންމެ ފަހުގެ ބައްދަލުކުރެއްވުމުގައިވެސް އުތުރު ކޮރެއާއިން އެއްބަސްވެފައިވަނީ މީގެ ކުރިން ވެސް އެ ޤައުމުން އެއްބަސްވެފައިވާ ކަންކަމަށް ކަމަށާއި، މީގެ ކުރީގެ ވަޢުދުތައް ފުއްދުމަށް އެ ޤައުމުން އަދިވެސް އެކަށިގެންވާ މަސައްކަތްތައް ކޮށްފައި ނުވާކަމަށެވެ.