ޚަބަރު

ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ހިއްކި ސަރަޙައްދު ޙިމާޔަތް ކުރަން ފަށައިފި


ތިލަފުށީގައި ޤާއިމުކުރާ ކުނި މެނޭޖްކުރުމުގެ ބިޔަ މަޝްރުޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، އެ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުނިމެނޭޖުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ތިލަފުށިންވަނީ 15ހެކްޓަރުގެ ބިން ހިއްކާފައެވެ. ތިލަފުށީގައި ޤާއިމުކުރާ ކުނި މެނޭޖުކުރާ ނިޒާމަކީ ގްރޭޓަރ މާލޭ ސަރަޙައްދުގެ ރަށްތަކުގެ ކުނިމެނޭޖުކުރުމަށް ހިންގާ މަޝްރުޢުއެކެވެ. އެގޮތުން މާލެއަތޮޅާއި، ވ، އއ، އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓްތަކުގައި އުފައްދާ ކުނި ނައްތާލުމަށް ޖަމަޖެހިފައިވަނީވެސް މި ސެންޓަރުގައެވެ.

މިމަޝްރުޢޫގެދަށުން 23 ރަށެއްގައި އުފައްދާ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ހަމަޖެހިފައިވެއެވެ. "ސްޓޭޓް އޮފްދި އާރޓް" ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ ކުނިމެނޭޖުކުރުމުގެ މިމަޝްރޫޢަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރުޢޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާވެސް މިހާރުވަނީ ހަމަޖެހިފައިވާކަމަށް އެންވާރަމެންޓް މިނިސްޓްރީއިންބުނެއެވެ.

އެގޮތުން އޭޝިއަން ޑިވެލޮޕްމަނޓް ބޭންކުން ދީފައިވާ 33މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، ޖަޕާނާއި ރާއްޖޭގެ ސަރުކާރުން މި މަޝްރުޢުގެ ފުރަތަމަ ފިޔަވައްސައް ޖުމްލަ 40 މިލިއަން ޑޮލަރު ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

ތިލަފުށީގައި ކުރިން ކުނި އަންދަމުންގެނދިޔަ ސަރަޙައްދުގައިވެސްވަނީ ކުނި ނައްތާލުމަށް އެކަމަށް ޚާއްސަ 6 މެޝިން ބަހައްޓާފައެވެ. މި މެޝިންތައް ބޭނުން ކުރަން ސެޕްޓެމްބަރުމަހު ފަށާނެކަމަށް ބުނިނަމަވެސް އަދި އެމަސައްކަތް ފަށާފައެއްނުވެއެވެ. އެންވާރަމެންޓް މިނިސްޓްރީން ބުނެފައިވަނީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ބޭނުންކުރާ މިމެޝިންތައް ބޭނުންކުރަން ފެށުން ލަސްވަނީ އެކަމަށް ވާންޖެހޭ ބައެއް ތައްޔާރީތައް ފުރިހަމަވެފައި ނެތުމުންކަމަށެވެ.

ނަމަވެސް ވަރަށް އަވަހަށް މިމެޝިންތައް ބޭނުންކުރަން ފަށާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި މެޝިންތަކަކަކީ، ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް ވީހާވެސް މަދުވާނެހެން ގަދަ ހޫނުން ކުނިއެންދުމަށް ޚާއްސަ މެޝިންތަކެކެވެ.
ތިލަފުށީގައިވަނީ ރަށްރަށުން ގެންދާ ކުނި ކޮމްޕެކްޓްކޮށްފައި ނުވަތަ ބަންދުކޮށްފައި ބެހެއްޓޭނެ މެޝިންތަކެއްވެސް ބަހައްޓާފައެވެ.