ޚަބަރު

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ ގޮނޑި ނުގެއްލޭ- ސްޕްރީމް ކޯޓް


ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ ގޮނޑި ގެއްލިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ މެމްބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށް ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުން އިއްވި ޙުކުމުގައި ބުނެފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ ގޮނޑި ގެއްލިފައިވާކަމަށް 18 ޖުލައި 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ނިންމުން ބާޠިލް ކަމަށެވެ.

ސްޕްރީމް ކޯޓުން ބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ 28ގައި ޕީޕީއެމްގެ މެންބަރުކަމުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ އޭނާއަށް ކަމަށެވެ. އަދި ޕީޕީއެމަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.


ސްޕްރީމް ކޯޓުން ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މިއަދު ހެނދުނު ބާޠިލް ކޮށްފައެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން، މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ފަހުން އެއްވެސް މެންބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިންއާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއެވެ. ނަމަވެސް، މި މެންބަރުންގެ ވަކީލުން ކޯޓުގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ ހުކުމް އިއްވުމުގެ ކުރިން، އެ މެންބަރުން ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށެވެ.