ޚަބަރު

ސިނަމާލޭ ބްރިޖުގައި ބޭނުންކުރާ ފުރަތަމަ ޑަބަލް-ޑެކަރ ބަސް އެމް.ޕީ.އެލުން ގެނެސްފި


ސިނަމާލޭ ބްރިޖުގައި ބަސްދަތުރުގެ ޚިދުމަތް ދިނުމަށްޓަކާ އެމް.ޕީ.އެލުން ގެންނަ ޑަބަލް-ޑެކަރ ބަސްތަކުގެ ތެރެއިން ފުރަތަމަ ބަސް ރާއްޖެ ގެނެސްފިއެވެ.

ސިނަމާލޭ ބްރިޖު އާއްމު ދަތުރުފަތުރަށް ހުޅުވާލުމާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ވަނީ މާލެއިން ހުޅުލެއަށާއި ހުޅުމާލެއަށް ބަހުގެ ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން 7 ސިޓީ ބަހާއި 2 ކޯޗް ބަސް ހިމެނޭހެން ޖުމްލަ 9 ބަސް މި ޚިދުމަތުގައި އެކުންފުނިން ދަނީ މި ވަގުތު ބޭނުންކުރަމުންނެވެ. މީގެ ތެރެއިން ސިޓީ ބަސްތަކަކީ 60 ހާއި 70 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި ކޯޗް ބަސްތަކަކީ 50 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މި ބަސްތައް މެދުވެރިކޮށް މާލެއިން ހުޅުލެއަށް 7 މިނެޓާއި 10 މިނެޓުން ދެވެއެވެ. އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކަށް 18 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ.

ސިނަމާލެ ބްރިޖުގައި ބަހުގެ ޚިދުމަތް ދިނުމަށްޓަކާ އެމް.ޕީ.އެލުން ޖުމްލަ 22 ބަސް ބޭނުން ކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި 8 ޑަބަލް-ޑެކަރ ބަސްވެސް ހިމެނެއެވެ. މީގެ ތެރެއިން ފުރަތަމަ ބަސް މިހާރު ރާއްޖެ ގެނެސްފައިވާއިރު، މިއީ 90 އާއި 95 މީހުންގެ ޖާގައިގެ ބަހެއްކަމަށް އެކުންފުނިން ބުނެއެވެ. އަދި ރަޖިސްޓްރޭޝަން މަރުހަލާގެ ކަންކަން ނިމުނުހާ އަވަހަކަށް މި ބަސްވެސް ޚިދުމަތަށް ނެރޭނެކަމަށް އެމްޕީ.އެލުން ބުނެއެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުލްރައްޒާޤު ހަލީމް ވިދާޅުވީ، މި ވަގުތު ބަހުގެ ޚިދުމަތް މުޅިން ހިލޭ ދިންނަމަވެސް، ބަހުގެ އަގުތައް ކަނޑައެޅުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އަގުތައް ފައިނަލްކުރުމަށްފަހު އެކަމަށް ޙާއްސަކޮށްފައިވާ ކޮމިޓީއަށް އެކުންފުނީގެ ޕްރޮޕޯސަލް މިހާރު ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވި.

ބަހުގައި ޚިދުމަތް ދިނުމުގައި އެމް.ޕީ.އެލްގެ މައިގަނޑު ވިސްނުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާއްމުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުންކަން ފާހަގަކުރައްވަމުން ޢަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ، ޓިކެޓު ވިއްކުމުގެ ބަދަލުގައި ބަހުގެ ޙިދުމަތް ދިނުމުގައި އެކުންފުނިން ބޭނުންކުރާނީ ރިޗަރޖަބަލް ކާޑެއްކަމަށެވެ. އަދި ބަސް ޝެޑިއުލާއި، ދަތުރުކުރާ ރޫޓު އެނގޭނެފަދަ މޯބައިލް އެޕެއް މިހާރު ތަރައްޤީކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވިސްނާފައި އޮތީ ކަރުދާސް ޓިކެޓު ވިއްކުމުގެ ބަދަލުގައި، ޓެބް-ޓު-ޕޭ އުސޫލުން ރީޗާރބަލް ކާޑު ބޭނުންކުރަން.. ބަހަށް އަރާ، ބަހުގައި އިންނަ ޑިވައިސްއެއްގައި ކާޑު ޖައްސާލީމަ ޚިދުމަތް ލިބޭނެފަދަ ވަސީލަތްތައް ޤާއިމުކޮށްފައިވާނެ.. ހަމައެހެންމެ ގޭގައި ނުވަތަ އޮފީހުގައި އެބޭފުޅަކު އިންނަވައިގެން ބަހުގެ ޝެޑިއުލް ބަލާ، ބަހުގެ ލޮކޭޝަން ޓްރެކް ކުރެވޭނެގޮތަށް މޯބައިލް އެޕެއްވެސް ތައްޔާރުކޮށް ނިމިފައި މިހާރުވަނީ.." ޢަބްދުލްރައްޒާޤު ވިދާޅުވިއެވެ.

ޢަބްދުލްރައްޒާޤު ހަލީމް ވިދާޅުވީ، ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެއިން ހުޅުލެއަށާއި ހުޅުމާލެއަށް ބަހުގެ ޚިދުމަތް ދެމުންދާ އުސޫލުން މާލެ ތެރޭގައިވެސް ބަހުގެ ޚިދުމަތް ދިނުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް އެކުންފުނިން މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެޚިދުމަތްވެސް ދޭން ފެށުންކަމަށް ޢަބްދުލްރައްޒާޤު ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި ކުދި ބަސްތަކަކުން ޕަބްލިކް ބަހުގެ ޚިދުމަތް މާލެ ތެރޭގައި ފެށުމަށް އަޅުގަނޑުމެން މިވަނީ ޕްލޭންތަކެއް ހެދިފައި.. މިހާރު ބަހުގައި އެއަރޕޯޓަށް ނުވަތަ ހުޅުމާލެއަށް ދާން ބޭނުންވާ ފަރާތްތަކުން މި އަންނަންޖެހެނީ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާފައިވާ ގްރޭޓަރ މާލޭ ބަސް ޓަރމިނަލަށް.. އެހެންވީމަ މާލެ ތެރޭގައި ކުދި ބަސްތަކެއް ބޭނުންކުރަން އަޅުގަނޑުމެން އެބަ ގަސްތުކުރަން.. އެގޮތުން އައި.ޖީ.އެމް.އެޗް ސަރަޙައްދާއި، ވިލިމާލޭ ފެރީ ޓަރމިނަލް އަދި ބޮޑެތި އޮފީސްތައް މި ހިމެނޭ ސަރަޙައްދުތަކަށް މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުން މިދަނީ.." ޢަބްދުލްރައްޒާޤު ވިދާޅުވިއެވެ.

އެމް.ޕީ.އެލުން ބަހުގެ ޚިދުމަތްތަކަށް ޙާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ގްރޭޓަރ މާލޭ ބަސް ޓަރމިނަލެއް ތަރައްޤީކޮށްފައިވާއިރު، މި ޓަރމިނަލުން ބަހުގެ ޚިދުމަތުގެ އިތުރުން، ޤައުމީ އެއަރލައިން ޟޯލްޑިވިއަން އިން ދަތުރުކުރާ ފަސިންޖަރުންނަށް ހުޅުލޭ އެއަރޕޯޓަށް ނުގޮސް، މާލޭގައި ތިބެގެން ޗެކިންގ ކުރުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ވަގުތީ ބަސް ޓަރމިނަލުގެ ބަދަލުގައި މާލޭގައި ޤާއިމުކޮށްފައިވާ ފަދަ ޓަރމިނަލެއް ހުޅުމާލޭގައިވެސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.ޕީ.އެލުން ބުނެއެވެ.