ޚަބަރު

ގޯތިނުދޭންވީ ސަބަބެއްނެތް، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކީވެސް އެ ބޭނުމުގައި- ނިޙާން


ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫނުކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި، ހުޅުމާލެ ދެވަނަ ފިޔަވަހި ވުޖޫދަށް ގެނެއުމުގެ ބޭނުމަކީވެސް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދިނުންކަމަށް ޕީ.ޕީ.އެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އަޙުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަން ހައުސިންގ މިނިސްޓްރީން ނިންމި ނިންމުމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި، ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހުރިކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާތަކެއް ބަލަމުންދާތީ، އެކަން ވަގުތީގޮތުން މެދުކަނޑާލަން އެ.ސީ.ސީން އަންގާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަން ނުލިބި މާލޭގެ ރަށްވެހިންގެ ގޮތުގައިވެސް އެތައްބަޔަކު އެބަތިބިކަމަށާ، ދަފްތަރުގައިވެސް އެފަދަ ރައްޔިތުން އެބަތިބިކަމަށެވެ. އަދި ކުޑަ އަގެއްގައި 1000 އަކަފޫޓުގެ ގޯއްޗެއް އެފަދަ ފަރާތްތަކަށް ނުދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާފައިވަނީވެސް އެބޭނުމުގައި ކަން ނިހާން ވަނީ ފާހަގަކުރައްވާފައެވެ.


ނިހާން ވިދާޅުވީ، ސަރުކާރުން ބިން ހިއްކަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބިން ފަހިކޮށްދިނުމަށްކަމަށްވާއިރު، އަތޮޅުތަކުގައި ހިއްކާފައިވާ ބިންތަކުން އެރަށެއްގެ ރައްޔިތުންނަށާއި، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ގޯތިދޫކުރަން ޖެހޭ ކަމަށެވެ. އެގޮތުން ތިނަދޫ، ފޭދޫ، އޭދަފުށި، ދިއްދޫ، ގުރައިދޫ އަދި މުލި ފަދަ ރަށްރަށުން ގޯތި ދޫކުރަން ޖެހޭކަން ނިހާންގެ ޓުވީޓުގައި ވަނީ ފާހަގަކޮށްފައިވެއެވެ.