ޚަބަރު

ހުދުރަންފުށީގެ ތިން ވޯޓާ ވިލާގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ


މާލެ އަތޮޅު ހުދުރަންފުށި ރިސޯޓުގެ ތިން ވޯޓަރ ވިލާއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަންތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުދުންރަންފުށި ރިސޯޓްގެ ފަޅުތެރޭގައި ތަރައްޤީކޮށްފައިވާ ތިން ވޯޓަރ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 2:00ގައި ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއު ޓީމާއި އެ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ފަތިހު 4:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ތިން ވޯޓާ ވިލާވެސް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު، އެ ވިލާތަކާ ކައިރީގައިހުރި އެހެން ކޮޓަރިއަކަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހާކަށް ކަމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުޤީގު ކުރަމުންނެވެ.