ޚަބަރު

އައްޑޫސިޓީގަ ހިނގި މާރާމަރީއާއި ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފި


އައްޑޫސިޓީ މަރަދޫގައި ހޮނިހިރުދުވަހުގެރޭ ހިނގި މާރާމާރީއާއި ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މާރާމާރީއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރާއި، 18 އަހަރާއި، 20 އަހަރާއި، 21 އަހަރާއި އަދި 22 އަހަރުގެ މީހުން ކަމަށެވެ. އަދި މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ފޭދޫގެއެއްގެ ތެރޭގައި ފިލައިތިބެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ އިތުރަށްވެސް އައްޑޫސިޓީގައި ހޮނިހިރުދުވަހުގެރޭ ހިންގި މާރާމާރީގެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކުވެސްވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވަނީ މަރަދޫއިން ފިލައިގެން ހުޅުމީދޫއަށް ގޮސްފައިވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ހުޅުމީދޫއިން ކަމަށެވެ.

މިމާރާމާރީގައި ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ ޙާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ. ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ޑޮކްޓަރުންނާއި ޙވާލާދީ އައިޖީއެމްއެޗުން ބުނީ ޒަޚަމްވި ޒުވާނާގެ ޙާލު ސީރިއަސްކަމަށާއި އޭނާގެ ގައިގެ އެގާރަ ތަނަކަށް ވަޅި ހަރާފައިވާކަމަށެވެ. އަދި އޭނާއަށް އިތުރަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަމަށްވެސް މައުލޫމާތުދެއެވެ.

ޙާލު ސީރިއަސްވެގެން އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދަނީ އުމުރުން 22 އަހަރުގެ މުހައްމަދު އީވާންއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އީވާން އިތުރު ފަރުވާއަށް މާލެ ގެންދިޔައީ މިއަދުގެ ވަގުތެއްގައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ނަޖީބް ވިދާޅުވީ އީވާނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައިކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވާކަމަށެވެ.

ހޮނިހިރުދުވަހުގެރޭ ހިންގި މިަ މާރާމާރީގައި އިތުރު ޒުވާނަކުވެސް ޒަޚަމްވިއެވެ. އޭނާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.