ޚަބަރު

މާކް ފިލްޑް، ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ސާލިހާ ބައްދަލްކުރައްވައިފި


އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން އޭޝިޔާއަށް ކަޑައަޅުއްވާފައި ހުންނަވާ ސްޓޭޓް މިނިސްޓަރ، މާކް ފިލްޑް، ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ސާލިހާ ބައްދަލްކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މާކް ފިލްޑް ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މުންތަޚައްބު އިބްރާހިމް މުޙައްމަދު ޞާލިހާއެކު ބޭއްވެވި މި ބައްދަލުވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު، ޖޭމްސް ޑައުރިސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން އޭޝިޔާއަށް ކަޑައަޅާފައިހުންނަ ސްޓޭޓް މިނިސްޓަރ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސަރުކާރުގެ އޮފިޝަލުންނާއި، ޖަމްޢިއްޔާތަކާއި، ގާނޫނީ ވަކީލުންންގެ އިތުރުން ސިވިލް ސާރވަންޓުންނާ ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާކް ފިލްޑްގެ މި ދަތުރުފުޅުގައި، އަލަށް އިންތިހާބުވެވަޑައިގެންނެވި ސަރުކާރާއެކު، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މާކް ފިލްޑް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނު. އޭނާ ރާއްޖެ ވަޑައިގެންނެވުމުން، އެއަރޕޯޓުން އޭނާއަށް މަރުޙަބާ ދަންނަވާފައިވަނީ، ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރެވެ.