ޚަބަރު

ކުރުދީ ހަނގުރާމަވެރިން ނައްތާލާނޭކަމުގެ އިންޒާރު އުރުދުޣާން ދެއްވައިފި


އިރާޤުގެ ސިންޖާރާ ޤަންދިލް ޕްރޮވިންސްތަކުގައި ހަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތައް މުޅިން ނައްތާލާނެކަމަށް ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވަނީ ހުސްވި ހަފުތާގެ ބުދަ ދުވަހު ތުރުކީވިލާތުގެ ހުޅަނގު ދެކުނުގައި ދިން ބޮމުގެ ހަމަލާއެއްގައި ތުރުކީވިލާތުގެ ސިފައިންގެ 8 މީހަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ތުރުކީވިލާތުން ބޭރުކޮށްފައިވާ ކުރުދުސްތާން ވޯކަރސް ޕާޓީ، ޕީ.ކޭ.ކޭއިންނެވެ.

އަންކާރާގެ ރަށް ބޭރުގައި، ވެރިކަން ކުރާ އޭ.ކޭ ޕާޓީގެ މެމްބަރުންނާ ވާހަކަދައްކަވަމުން ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވީ، މަރުވި 8 ސިފައިންގެ ފުރާނައިގެ އަގު ޕީ.ކޭ.ކޭއިން ދައްކަން ޖެހޭނެކަމަށެވެ. މި ސިފައިންގެ ބަދަލުގައި އަށްސަތޭކަ ހަނގުރާމަވެރިންގެ ފުރާނަ އަތުލާނެ ކަމަށާއި، ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތް މުޅިން ނައްތާލާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ، މި ހަނގުރާމަވެރިން ފިލާ އުޅޭ ސަރަހައްދުތައް ހޯދައި، އެ ތަންތަނަށް ހަމަލާދޭނެ ކަމަށާއި، އިރާޤުގެ ސިންޖާރާ ޤަންދިލްގައި ދިރިއުޅެމުންދާ ހަނގުރާމަވެރިންނާ ދެކޮޅަށްވެސް ހަމަލާ ދޭނެކަމަށެވެ. މިއީ މި ފަހަކަށް އައިސް އިރާޤުގައި ދިރިއުޅޭ ކުރުދީންނާ ދެކޮޅަށް އުރުދުޣާން ދެއްވާފައިވާ އެންމެ ހަރުކަށި އިންޒާރެވެ.