ޚަބަރު

އިންތިޚާބީ ރައީސަށް ވިލިމާލެއިން ހޫނު މަރުޙަބާއެއް


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާގުޅިގެން ވިލިމާލޭ ރައްޔިތުން ބޭއްވި އުފާފާޅުކުރުމުގެ ޙަފްލާގައި އިންތިޚާބީ ރައީސް ބައިވެރިވެވަޑައިގެން އެމަނިކުފާނުވަނީ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށް އިންތިޚާބީ ރައީސާއި ނާއިބުރައީސް ވަޑައިގަތުމުން ވިލިމާލެއިންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޘަޤާފީ އެކި ޙަރަކާތްތަކާއެކު ކުރިއަށްގެންދިޔަ މިބައްދަލުކުރެއްވުމުގައި ވިލިމާލޭ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. އިންތިޚާބީ ރައިސްއާއި ނައިބު ރައީސް ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިބައްދަލުކުރެއްވުމުގައި ކޯލިޝަން ޕާޓީތަކުގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ސެޕްޓެމްބަރ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބުކުރުމާގުޅިގެން އިބްރާހީމް މުޙައްމަދު ޞޯލިޙާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމަށް މަރުޙަބާ ކިޔުމާއި އުފާފާޅުކުރުމުގެ ޙަރަކާތްތައް މާލޭގެ އެކި އަވައްތަކުގައި ގެންދަނީ ބާއްވަމުންނެވެ.