ޚަބަރު

ދެކުނުގެ 7 އަތޮޅަށް މޫސުން ގޯސްވެ ޔެލޯ އެލާރޓް ނެރެފި


މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ދެކުނުގެ ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އެގޮތުން އެ ސަރަޙައްދަށް ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށާއި އޭގެ އިތުރުން އެ ސަރަޙައްދުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އެކި ސަރަހައްދު ތަކަށް މިއަދުގެ އެކި ވަގުތުތަކުގައި ވަނީ ޔެލޯ އެލާޓާއި ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ ހަތް އަތޮޅަކަށް މިރޭ ޔެލޯ އެލާޓް ނެރެފައި މިވަނީ އެންމެ ފަހުން ނެރުނު ވައިޓް އެލާޓްގެ ވަގުތު ހަމަނުވަނިސް އެ އެލާޓް ކެންސަލް ކުރުމަށްފަހުއެވެ. މި ސަރަހައްދުތަކަށް ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭ 9:45 އިން ދަންވަރު 1:45 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ޔެލޯ އެލާޓްގެ ވަގުތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ކޮޅިގަނޑުގައި އާދަޔާ ޚިލާފަށް ކަނޑުގަދަވާނެ ކަމަށެވެ. އެހެން ކަމުން ޔެލޯ އެލާޓް ނެރެފައިވާ ސަރަޙައްދު ތަކުގައި ކަނޑު ދަތުރުތައް ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކަނޑުދަތުރު ކުރުމަށާއި ކޮންމެހެން ކަނޑުދަތުރެއް ކުރަންޖެހިއްޖެ ހާލަތެއްގައިވެސް ސަލާމަތީ ވަސީލަތްތައް ފުރިހަމަކޮށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކޮށްގެން މެނުވީ ކަނޑުދަތުރުތައް ނުކުރުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.