ޚަބަރު

ޗައިނާ އާއި އެމެރިކާއާ ދެމެދު އަނެއްކާވެސް ނުތަނަވަސްކަން


މި މަހު އެމެރިކާ އާއި ޗައިނާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ސަލާމަތާ ބެހޭ މަޝްވަރާތައް ކެންސަލްވީ ޗައިނާގެ ސަބަބުން ކަމަށް ބުނެ އެމެރިކާއިން ދައްކާފައިވާ ވާހަކަތަކަށް ޗައިނާއިން ފާޑުކިއުން އަމާޒުކޮށްފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަތައް ކެންސަލްވެގެން ދިޔައީ ޗައިނާގެ ސަބަބުންކަމަށް ބުނެ އެމެރިކާއިން ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތް މުޅިން އޮޅުވާލާ ވާހަކަތަކެއް ކަމަށާއި މިއީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ޗައިނާއިން އޮތީ މިކަމާ ވަރަށް ބޮޑަށް ވެސް ހިތް ހަމަނުޖެހިފައި ކަމަށާ މިކަމުގެ ހަޤީޤަތަކީ މީގެ ކުޑަދުވަސްކޮޅެއް ކުރިން މި ވާހަކަތައް ފަސްކުރުމަށް ބޭނުންވާ ކަމަށް ބުނެ މިކަން އެންމެ ފުރަތަމަ ބަޔާންކޮށްފައިވަނީ އެމެރިކާއިން ކަމަށެވެ.

އެހެންކަމުން، މިކަމުގައި ހަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުން ހުއްޓާލާ މިކަމުގައި އިތުރު މައްސަލަތައް އުފެދޭގޮތަށް ވާހަކަ ނުދެއްކުމަށް ކަމާ ބެހޭ ހުރިހާ ފަރާތަކަށް ޗައިނާއިން ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ދެތިން ދުވަސް ކުރިން އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ވާހަކަތައް ކެންސަލްކޮށްފައިވަނީ ޗައިނާއިން ކަމަށާއި މިކަމުގައި އެއްވެސް ސަބަބެއް އެ ޤައުމުން ނުދޭކަމަށެވެ. އެމެރިކާގެ ސަރުކާރުން ރަސްމީކޮށް މިކަން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.