ޚަބަރު

އަރބަން އިނޮވޭޝަން ޗެލެންޖުގެ 1 ވަނައަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ!


އަރބަން އިނޮވޭޝަން ޗެލެންޖުން 1 ވަނައަށް ހޮވޭ ފަރާތަކަށް ޖަމިއްޔާއަކާއެކު މަސައްކަތް ކުރުމަށް 120،000 ރުފިޔާގެ ފަންޑެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޔޫއެންޑީޕީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޔޫއެންޑީޕީގެ ޕްރޮޖެކްޓް އޮފިސަރު އާމިނަތު ޝާލިނީ ވިދާޅުވީ، މި ޗެލެންޖުގެ ބައިވެރިންގެ ތެރެއިން އެއްވަނަ އަށް ދާ ގްރޫޕަކަށް ނުވަތަ ޒުވާނަކަށް ކަނޑައަޅާފައިވާ ޖަމްޢިއްޔާއަކާއި އެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަރބަން އިނޮވޭޝަން ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ 18:00 ހަމަވާނެއެވެ. މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ ހުރިހާ ޒުވާނުންނަށް ހުޅުވާލާފައިވާކަމަށްވެސް އާމިނަތު ޝާލިނީ ވިދާޅުވިއެވެ.

އަރބަން އިނޮވޭޝަން ޗެލެންޖަކީ ހުޅުމާލެއަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު ބައިވެރިންގެ މެދުގައި މަޝްވަރާކޮށް، ބިނާކުރުވަނިވި ޙައްލުތައް އެކަންކަމަށް ހޯދުމަށް ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން، ޔޫއެންޑީޕީ މޯލްޑިވްސްއާއި، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި، އުރީދޫން އިންތިޒާމްކުރާ ޙަރަކާތެކެވެ. މި ފަރާތްތަކުގެ އިތުރުން އެމްޓީސީސީ އާއި ވެމްކޯއިންވެސް މި ޙަރަކާތް އިންތިޒާމް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިމަހުގެ 25 ހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް ޙަރަކާތް ކުރިއަށްދާނީ ބައިވެރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށީގައި ކޭމްޕްކޮށްގެން ކަމަށް ޔޫއެންޑީޕީން ފަރާތުން މައުލޫމާތުދެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޕްރީ ރެޖިސްޓްރޭޝަން ވޯކްޝޮޕްތަކެއް ބައްވައި، ރެޖިސްޓަރ ވުމަށްފަހު ހޮވޭ ފަރާތްތަކަށް އޭޖެންސީތަކުގެ މާހިރުންނާ ބައްދަލުކޮށް، މަޝްވަރާކުރުމަށް ފުރުޞަތުދޭނެކަމަށްވެސް މި ޙަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

އަރބަން އިނޮވޭޝަން ޗެލެންޖުގައި ވަކިވަކި މީހުންނަށާއި، ޓީމުތަކަށްވެސް ބައިވެރިވެވޭނެއެވެ. ކޮންމެ ޓީމެއްގައި މަދުވެގެން 3 މެމްބަރުން އަދި ގިނަވެގެން 5 މެމްބަރުން ހިމެނިދާނެކަމަށް ޙަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. މި ޙަރަކާތުގައި ބައިވެރިވުމަށް ޖުމްލަ 40 ޖާގަ ހުޅުލާފައިވެއެވެ. ހުޅުމާލެއަކީ ސަރުކާރުން ސިޓީއެއްގެ ގޮތުގައި ރޭވުންތެރިކަމާއިއެކު ތަރައްޤީކުރަމުން އަންނަ ތަނެއް ކަމުގައިވާއިރު، މިމަހު ހުޅުމާލެ ތަރައްޤީގެ މަޝްރޫޢަށް ވަނީ ބައިނަލްއަޤްވާމީ ޝަރަފުވެރި އެވޯޑެއްކަމުގައިވާ "ސިޓީސްކޭޕް" އެވޯޑްވެސް ލިބިފައެވެ.