ޚަބަރު

އުރަމަތީގެ ކެންސަރާބެހޭ ކޮންފަރެންސެއް ރާއްޖޭގައި ފަށައިފި


އުރަމަތީގެ ކެންސަރާއި ބެހޭ ޞަރަޙައްދީ ކޮންފަރެންސެއް ރާއްޖޭގައި ފަށައިފިއެވެ.

މިކޮންފަރެންސަކީ އޭޝިއަން ސޮސައިޓީ އޮފް މަސްޓޮލޮޖީ އިން ކޮންމެ އަހަރަކު އެއްފަހަރު އޭޝިޔާގެ ޤައުމެއްގައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިމަހުގެ 3 އިން 5 އަށް ހޮޓެލް ޖެންގައި ކުރިއަށްދާ މި ކޮންފަރެންސާ ބެހޭގޮތުން މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ ސަރޖަރީ އެންޑް ކޮންސަލްޓަންޓް ޑިޕާރޓްމަންޓްގެ ހެޑް ޑރ.މުޙައްމަދު ޝިފާން ވިދާޅުވީ، މިއީ އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ޙައްލު ގެނައުމާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެއްކަމަށެވެ. މިގޮތުން މިކޮންފަރެންސްގެ ތެރެއިން އޭޝިޔާ ޞަރަޙައްދުގައި ކުރާ ރިސާރޗްތަކާއި އެއްކުރާ ތަފާސް ހިސާބުތައް އެއްބަޔަކު އަނެއް ބަޔަކާ ޙިއްސާކުރެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އޭޝިޔާގައި ކުރެވޭ ތަފާތު ރިޝާރޗްތަކާއި، އަޅުގަނޑުމެންގެ މީހުން އޭގައި އެކުލެވިގެން ހިމެނޭ ތަފާސްހިސާބުތަކާއި އެއްޗެހި ފެނި އަޅުގަނޑުމެންނަށް އެކި ޤައުމުތަކުގައި މިކަންކަން ކުރެވިގެންދާގޮތާއި އެއްޤައުމު އަނެއް ޤައުމާއި އެހީތެރިވެދެން ކުރެވެން ހުރީ ކޮންކަންތައްތަކެއްތޯއާއި، މިކަންކަން ޑިސްކަސްކުރާ ފޯރަމެއް މިއީ." ޑރ.މުޙައްމަދު ޝިފާން ވިދާޅުވިއެވެ.

އޭޝިއަން ސޮސައިޓީ އޮފް މަސްޓޮލޮޖީގެ 2 ވަނަ އަހަރީ ކޮންފަރެންސް ރާއްޖޭގައި ބާއްވާއިރު މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުން އުރަމަތީގެ ބަލިތަކަށް ޙާއްސަ ޑޮކްޓަރުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި 10 ޤައުމަކުން 70 މެންބަރުން ބައިވެރިވެއެވެ. މީގެ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.