ޚަބަރު

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތަށް ސަރުކާރުން ދަނީ އެއްބާރުލުންދެމުން- މާރިޔާ


ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށްގެންދިއުމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު ވަޒީރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށެވެ. އެގޮތުން މިހާރު ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢައްޔަންކުރި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަށް އޮފީހެއް ހަމަޖައްސާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތް ފައިސަލް ނަސީމް އެދިއްޖެނަމަ ސަރުކާރު ބަދަލުކުރުމަށް ބޭނުންވާނެ ކަންތައްތައް ހަމަޖައްސައިދިނުންކަމަށްވާއިރު އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބެމުންދާތީ މި މަރުހަލާ އަމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކުން ބާއްވަމުންދާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން އޮޑިޓަރ ޖެނެރަލާ ބައްދަލު ކުރައްވާފައިވާކަމަށެވެ. އަދި މި މަރުހަލާގައި އޮޑިޓަރ ޖެނަރަލްގެ ފުރިހަމަ އެހީތެރިކަމާއި، އޮޑިޓް އޮފީހުގެ ފަންނީ އެހީތެރިކަން ފޮރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނަރަލްގެ އިތުރުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދު، ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އަދި ފޮރިން މިނިސްޓަރ މުހައްމަދު އާސިމްއާވެސް ބައްދަލުކުރައްވާފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އެވުޒާރާތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ ފަރާތުން ދައުލަތުގެ އެކި މުއައްސަސާތަކާއި ބައްދަލުކުރަމުންދާއިރު، ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމާޢަތްތަކުން ގެންދަނީ އިންތިޚާބީ ރައީސްއަށާއި ނައިބް ރައީސް އަށް މަރުޙަބާ ދަންނަވާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަން ހާމަކުރަމުންނެވެ.