ޚަބަރު

އައްޑޫ ސިޓީ މަރަދޫ ޕާރކުގެ ލޭންޑް ސްކޭޕް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ


އައްޑޫ ސިޓީ މަރަދޫ ޕާރކުގެ ލޭންޑް ސްކޭޕް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މަރަދޫ ޕާރކުގެ ލޭންޑް ސްކޭޕް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މަރަދޫ ޕާރކުތެރޭގައި ގާ އަޅައި، ފަސޭހައިން ހިނގޭނެ ގޮތެއް ހެދުމަށް ވަނީ ނިންމާފައިއެވެ. މި ވޯކްވޭ ހަދަން ނިންމާފައިވަނީ ވިއްސާރަ ވެއްޖެ ނަމަ ޕާރކުތެރޭގައި ފެންބޮޑުވެ ޗަކަ ހެދި، މީހުންނަށް ހިނގަން ދަތިވުމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މަރަދޫ ޕާރކް ލޭންޑްސްކޭޕް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ އަހަރު ނިންމާލިއިރު، ޕާރކް އެއްކޮށް ވަނީ ސާފުކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމާއި ބީލަން ބަލައިގަތުމުގެ ފުރުޞަތު އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މަހުގެ 08 ވަނަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ބިޑް ހުށަހެޅުމާއި ބީލަން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ މަރަދޫ ޕާކަކީ ތަފާތު އެކި ހަރަކާތްތަކެއް ބާއްވަމުން އަންނަ ތަނެކެވެ.